ކުޅިވަރު

ލޫޓަން އަތުން ޗެމްޕިއަން ސިޓީއަށް ހަނި މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ލޫޓަންގެ ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ހަނި ގޮތަކަށް ސިޓީ މޮޅުވިއިރު، ލީގުގައި މީގެ ކުރިން ކުޅުނު ހަތަރު މެޗުން ސިޓީއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުން ވަނީ އެސްޓަން ވިލާ އަތުން ބަލިވެފައެވެ.

ރޭގެ މެޗަށް ސިޓީ ނުކުމެފައިވަނީ އަނިޔާގެ ސަބަބުން އިތުބާރު ފޯވާޑް އާލިން ހާލަންޑް ނުލައެވެ. އެއާއެކުވެސް މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީންނެވެ. އަދި މި ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލޫޓަންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެލިޖާ އަޑެބަޔޯއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކުރިއިރު، ގާތްގާތުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އެ ޓީމުން ވަނީ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ސިޓީއަށް ނަތީޖާ އެއްވަރުކޮށްދިނީ މިޑްފީލްޑަރު ބެނާޑޯ ސިލްވާއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސިޓީއަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ޖެކް ގްރީލިޝްއެވެ. މިއީ އެ ޓީމުގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި ސިޓީ އޮތީ ކުޅުނު 16 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން ބަލިވި ލޫޓަން އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 16 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.