ޚަބަރު

ޔޫއޭއީ ސަފީރަކަށް މުންދު، އިނގިރޭސި ވިލާތަށް އިރުތިޝާމް އދ.އަށް އަލީ ނަސީރު


  • 3 ޤައުމަކަށް ކަނޑައަޅާ ސަފީރުންނަށް ރުހުން ހޯދުމަށްވަނީ މަޖިލީހަށް ފޮނުއްވާފައި

  • މިތިން ބޭފުޅުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ކޮމިޓީއަށްވަނީ ފޮނުވާފައި

3 ޤައުމަކަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ ސަފީރުކަމަށް މ. ކޮތަންމާގެ، މުހައްމަދު ހުސެއިން ޝަރީފް، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ހ. އޯކިޑް، ޑރ. އިރުތިޝާމް އާދަމް، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ގދ.ގައްދޫ ބެންހާގޭ އަލީ ނަސީރު މުހައްމަދުއެވެ.

ޔޫއޭއީ ސަފީރުކަމަށް ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މުހައްމަދު ހުސެއިން ޝަރީފް މިހާރު ހުންނެވީ މިސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖްކަމުގެ މަގާމުގައެވެ. އޭނާ އަކީ ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާންކަން ކުރައްވާފައެވެ. އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމާއި، ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ޖަޕާނާއި ސްރީލަންކާގެ ސަފީރުކަންވެސް މުހައްމަދު ހުސައިން ޝަރީފް ކުރައްވާފައިވެއެވެ.

އިރުތިޝާމްވަނީ ޖެނީވާގައި ހުންނަ ޔޫއެންގެ ސަފީރުކަމާއި، ސްވިޓްޒަލަންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމާއި، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުކަން ކުރައްވާފައެވެ. އަދި އިޓަލީއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމުވެސް އިރްތިޝާމް ފުރުއްވިއެވެ. އަދި އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ކުރައްވާފައެވެ.

ޑރ. އަލީ ނަސީރަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުން ފެށިގެން އެ ދައުރު ނިމެންދެން އދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބުގެ މަޤާމާއި، އެމެރިކާ އަދި ކެނަޑާގެ ސަފީރުކަންވެސް ކުރައްވާފައެވެ. އަލީ ނަސީރުވަނީ ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ. އަލީ ނަސީރު ޚާރިޖީ ދާއިރާއާ ގުޅިވަޑައިގެންނެވީ 1988 ވަނަ އަހަރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މިތިން ބޭފުޅުންގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަށްވަނީ ފޮނުވާފައެވެ.