ޚަބަރު

24 ގަޑިއިރު ތެރޭގައި ޣައްޒާގެ 300 މީހުން ޝަހީދުކޮށްލައިފި


ފާއިތުވި 24 ގަޑިއިރު ތެރޭގައި ޣައްޒާގެ ގާތްގަޑަކަށް 300 މީހުން ޝަހީދުކޮށްލައިފިއެވެ.

ޙަމަލާތައް ވަރުގަދަކޮށް ޝަހީދުކުރާ މީހުންގެ ޢަދަދު ޔަހޫދީން އިތުރުކޮށްފައި ވަނީ ޣައްޒާގެ ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީ ދަޢުލަތުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫއާއި ދެމެދު ބަދަލުކުރި އިންޒާރުތަކަކަށްފަހުއެވެ.

ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވިދާޅުވީ ޣައްޒާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 297 މީހުން ޝަހީދުކޮށްލާފައިވާކަމަށެވެ. އަދި 550 މީހުން ޒަޙަމްވެފައިވާ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ. އެއާއެކު އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތަކުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު ވަނީ 18،000 އަށް އުފުލިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ޙަމާސުން އެދޭ ކަންތައްތައް ފުރިހަމަ ނުވަނީސް ޙަމާސްގެ ބެލުމުގެ ދަށަށް ގެންފޮސްފައިވާ ޔަހޫދީ އެއްވެސް މީހަކު ދޫނުކުރާނެ ކަމަށް އެ ޖަމާޢަތުގެ ތަރުޖަމާނު ޢަބޫ ޢުބައިދާ ވަނީ ވިދާޅުވެފައެވެ. ރައްދުގައި ނަތަންޔާހޫ ވިދާޅުވީ ޙަމާސްގެ ނިމުން ފެށުނީ ކަމަށެވެ. ޙަމާސްއަކީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށާއި މިހާރުން މިހާރަށް ބަލި ޤަބޫލު ކުރުމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ.

ނަތަންޔާހޫގެ އެ ރައްދާއެކު ޚާން ޔޫނިސްގެ ދެކުނަށާއި މިޞްރު ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަފަޙް ސިޓީއަށް އަމާޒުކޮށް ވަރަށް އަނިޔާވެރިކޮށް ޔަހޫދީން ޙަމަލާތައް ދީފައިވާ ކަމަށް ޙަމާސުން ބުނެއެވެ. ޚާން ޔޫނިސްގައި ދިރިއުޅޭ އާންމުންވެސް ބުނެފައި ވަނީ ސުޖާޔޭއާއި ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ޔަހޫދީން ޙަމަލާތައް ދީފައިވާކަމަށެވެ. އެ ދެ ސަރަޙައްދަކީވެސް ޣައްޒާގެ ވަރަށް ގިނަ ބަޔަކު ތޮއްޖެހިފައިވާ ދެ ސަރަޙަދެވެ.

ހަނގުރާމައިގެ ކުރީކޮޅު ޣައްޒާގެ އުތުރުން ހުސްކުރުމަށް ޔަހޫދީން ޢަމުރުކުރި ނަމަވެސް ދެކުނުގައިވެސް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ އެތައް ސަތޭކަ ބަޔަކު ވަނީ އެމީހުންގެ ގެދޮރުގައި މަޑުކޮށްފައެވެ.