ޚަބަރު

ޒަކާތާއި ބެހޭ ކަންކަން ކުރުމަށް ޚާއްސަ އިދާރާއެއް ޤާއިމްކުރަނީ


  • ޒަކާތް ބެލެހެއްޓީ ވުޒާރާގެ ދަށުން އޮންނަ ގޮތްޕަކުން

  • އައު އިދާރާއާއެކު ޒަކާތް އިތުރަށް ހަރުދަނާވާނެ

  • އަމާޒަކީ ރާއްޖޭގައި ތިބި ފަޤީރުންގެ އަދަދު މަދު ކުރުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މިގޮތުން، ޒަކާތު ހައުސްގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްޤީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެއެވެ.

މީގެ އިތުރުންވެސް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާއި، ޒަކާތުގެ ކަންކަން ޝަރީޢާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިޤްހުގެ އަލީގައި ކުރިއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގައި، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން މުދަލު ޒަކާތް ނެރޭ ޢަދަދު ބޮޑުތަނުން އިތުރުކުރުން ހިމެނެއެވެ. އަދި، ފަޤީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީ ގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ދިވެހިރާއްޖެއިން ފަޤީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުންވެސް މީގެތެރޭގައި ހިމެނެއެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ މުހިންމު ކަމެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ޒަކާތު ހައުސްގެ އެއް އަމާޒަކީ ރާއްޖޭގައި އުޅޭ ފަޤީރުންގެ އަދަދު މަދު ކުރުން ކަމަށެވެ. އެގޮތުން، މިހާރު ޒަކާތް ލިބިގަންނަ މީހާއަކީ، މުސްތަޤުބަލުގައި ޒަކާތް ދައްކާ މީހަކަށް ބަދަލުކުރުމަކީ ޒަކާތު ހައުސްއެއް ޤާއިމްކުރުމުގެ ތަޞައްވުރެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"މިއަދު ޒަކާތް ލިބިގަންނަ މީހެއްގެ ގޮތުގައި ހުންނަ މީހާ، މާދަމާ ޒަކާތް ނެރޭ މީހަކަށް، ބަދަލުކުރުމުގެ ތަޞައްވުރަށް މަސައްކަތްކުރުމަށް މި ޚާއްސަ އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް ޚާއްސަ އިދާރާއެއްގެ ގޮތުގައު ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވިގެން މިދަނީ." ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން، ފިރުޒުލް ވިދާޅުވީ ޒަކާތާއި ބެހޭ މި އިދާރާއިން ކުރެވޭ މަސައްކަތްތަކާއިއެކު، މިހާރު ޒަކާތު ފަންޑަށް ލިބޭ ފައިސާ ދެގުނަ ކުރުމަކީ އަމާޒެއް ކަމަށެވެ. އަދި މިކަން ހާސިލްކުރުމަށް، ޒަކާތާއި ގުޅޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް ކުރެވޭ މަސައްކަތްތައް، އިތުރު ކުރެވޭނެކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ. އެހެންނަމަވެސް، ޒަކާތާއިބެހޭ ޚާއްސަ އިދާރާއެއް އުފެއްދެވުމަށް މިއަދު ނިންމެވުމާއިއެކު، ޒަކާތު ފަންޑާއި ގުޅޭ ކަންކަންވެސް ކުރައްވާނީ މި އިދާރާގެ ދަށުންނެވެ.