ޚަބަރު

ތެލެސީލިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރަނީ


  • މިހޮސްޕިޓަލް ތަރައްޤީ ކުރައްވާނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭގޮތަށް

  • ތެލިސީމިއާ ފަރުވާއަށް ބޭނުންވާ ބޭސް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ލިބޭނެ

ތެލެސީލިއާއަށް ފަރުވާ ދޭ ޚާއްސަ ހޮސްޕިޓަލެއް ގާއިމްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ މިހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭނެ ފެންވަރަށް ކަމަށެވެ.

ފިރުޒުލް ވިދާޅުވީ، ރާއްޖޭގައި ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް ގިނަ ކަންތައްތަކެއް އަދުގެ ސަރުކާރުން ކޮށްދެއްވުމަށް ރާއްވަވާފައިވާ ކަމަށެވެ. އެގޮތުން ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ފަރުވާއަށް އެކްސެސްވުމުގައި ދަތިތަކެއް އެބަހުރި، ފަރުވާ ލިބެނީ ބްލަޑް ސަރވިސްއިން ކަމަށްވާތީ، ދަތިތަކެއް އެބަހުރި، މިކަމުގެ ހައްލެއްގެގޮތުން، ތެލެސީމިއާ އަށް ފަރުވާ ހޯދާ ފަރާތްތަކަށް އެސްޓީއޯ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވަނީ ނިންމާފައި، މިއާ އެކު އަތޮޅުތަކުންވެސް މާލޭގައިވެސް ބޭހާއި އެހެން ކޮންސިއުމަބަލްސް ލިބިގެންދާނެ،" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ތެލެސީމިއާ ބަލި ވާރުތަވޭތޯ ބެލުމަށް ޑީއެންއޭ ޓެސްޓު ހެދުމަށް ޖެހޭ ގިނަ ފަރާތްތަކަކުން މި ހިދުމަތް އާސަންދައިގެ ދަށުން ހެދެން ނެތުމުން ފަސްޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް ތެލެސީމިއާ ބަލި ވާރުތަ ވޭތޯ ބެލުމަށް ހަދަން ޖެހޭ ޑީއެންއޭ ޓެސްޓު އާސަންދަ ނިޒާމް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހުރިއްޔާ ނިންމާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ތެލިސީމިއާ އަށް ފަރުވާ ހޯދާ ފަރާތްތަކުން ހަދަން ޖެހޭ ޓީ2 ސްޓާ ޓެސްޓުވެސް އާސަންދައިގެ ނިޒާމްގެ ތެރެއިން ހެދޭނެ ފައްސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ނިންމާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚިދުމަތް ދިނުމާއި ގުޅޭގޮތުން ވާހަަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ކުރިއަށް އޮތް އަހަރުތެރޭގައި 5 ކުއްޖަކަށް ދައުލަތުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށްވާން ޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. އޭގެތެރެއިން އެއް ކުއްޖަކު ވަރަށް އަވަހަށް މި ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާނެ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

މިވަގުތު ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް އެދިފައިވާ ހުރިހާ ކުދިންވެސް މި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ބޯންމެރޯ ހެދުމަށް 40 ކުދިން އެބަތިބި، މީގެތެރެއިން އެކަމަށް މެޑިކަލީ ކޮލިފައިވާނެ ކަމަށް ބެލެވެނީ 35 ވަރަކަށް ކުދިން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލިސީމިއާއަށް ފަރުވާ ހޯދާ ފަރާތްތައް ގިނަ ޤައުމެކެވެ. އަދި އަހަރުން އަހަރަށް މި އަދަދު އިތުރުވަމުން ދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ ފިރުޒުލް ވިދާޅުވީ ތެލެސީމިއާ އާއި ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް އިތުރުކޮށް، މި ބަލި ރާއްޖެއިން މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ތެލިސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގައި ތެލިސީމިއާއަށް ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

"މި ހޮސްޕިޓަލްގެ ތެރެއިން ބޯން މެރޯ ހެދުމުގެ ހިދުމަތްތައް އޭގެ ކުރިއަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި، އޭގެ ފަހަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ގާއިމްކުރުމަށް ނިންމާފައިވޭ، އަދި ފަރުވާ ހޯދުމަށް މާލެއަށް އަންނަންޖެހޭ ފަރާތްތަކަށް އެތަނުގައި ހުރުމުގެ އިންތިޒާމް ހަމަޖެހޭގޮތަށް ހޮސްޕިޓަލް ފަރުމާކޮށްފައިވަނީ،" ފިރުޒުލް ވިދާޅުވިއެވެ.

ތެލިސީމިއާ ހޮސްޕިޓަލް ތަރައްޤީކުރެވިގެންދާނީ މާލެ ސަރަހައްދުގައި، މިކަމަށް 25 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި މިަކަމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެ ކަަމަށް ފިރުޒުލް ވިދާޅުވިއެވެ.