މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް މުބާރާތުން ސޯދިޤު ވަކިވެއްޖެ


މޯލްޑިވިއަން އައިޑަލްގެ ގަދަ ހަަޔަކަށް ދަތުރު ނުކުރެވި، ޢަބްދުﷲ ސޯދިޤު މި މުބާރާތުން ވަކިވެއްޖެއެވެ.

ގާލާ ރައުންޑުގެ 6 ވަނަ ޝޯވގައި ވާދަކުރި 7 ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރި ބައިވެރިން އިޢުލާންކޮށްފައި ވަނީ މިރޭ ބޭއްވި އެލިމިނޭޝަން ނައިޓުގައެވެ.

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 6 ވަނަ ޝޯވ "ހަމްދީ ސްޕެޝަލް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، ރޭގެ ޝޯވގައި އޮލިމްޕިއަންސް ބޭންޑުން ދިވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި މަޝްހޫރު ލަވަކިޔުންތެރިޔާ ޢިބްރާހިމް ހަމްދީ ކިޔާދީފައިވާ ރީތި ހިތްގައިމު ލަވަތަކެއް ބައިވެރިންގެ ފަރާތުން އިވިގެންދިޔައެވެ. އަދި މިރޭގެ އެލިމިނޭޝަން ނައިޓުގައިވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން މިރޭގެ ޝޯވ، މަޝްހޫރު ފިލްމް ޑައިރެކްޓަރ މުހައްމަދު ނިޔާޒް ޑައިރެކްޓްކޮށްފައިވާ ލަވަތަކަށް ޚާއްސަކޮށްފައިވާއިރު، ނިޔާޒް ވަނީ ގެސްޓް ޖަޖެއްގެ ގޮތުގައި މިރޭގެ ޝޯވގައި ބައިވެރިވެފައެވެ.

img:http://s4.psmnews.mv/images/660x400/14596243301973.jpg|މޯލްޑިވިއަން އައިޑަލް - މިރޭގެ އެލިމިނޭޝަން ނައިޓުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

ގަދަ 12 ބައިވެރިންނާއެކު ފެށުނު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑު މިހާތަނަށް އައިއިރު، ސޯދިޤުގެ އިތުރުން، 5 ބައިވެރިޔަކު ވަނީ މި މުބާރާތުން ވަކިވެފައެވެ. އެ ބައިވެރިންނަކީ މުހައްމަދު އިފްހާމް އަޝްފާޤް، ފާތުމަތު ނައްބަތު، އަހުމަދު ނަޒީޙު، ފާތުމަތު އަޒްލީމާ އަދި ޢިބްރާހިމް އަމާނެވެ.

މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް އާއްމުންގެ ފަރާތުން ބޮޑު ތަރުޚީބެއް ލިބެމުންދާއިރު، މިރޭގެ ޝޯވގައިވެސް ޚާއްސަކަމެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން "ޑާރކް ރެއިން އެންޓަޓެއިންމަންޓް"ގެ ފަރާތުން މިމަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް "ވާށޭ މަށާ އެކީ" ގެ ތީމް ސޯންގ "ވާށޭ މަށާ އެކީ" މި ލަވަ މިރޭގެ ޝޯވގައި ހުށައަޅައިދީފައިވެއެވެ. މި ލަވަ ހުށަައަޅައިދީފައި ވަނީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ޚަދީޖާ މުޙައްމަދު (ރިޒޫ) އަދި ފަތުހުﷲ ޢަބްދުލް ފައްތާޙް (ފަތޯ) އެވެ.

img:http://s1.psmnews.mv/images/660x400/14596243805046.jpg|މޯލްޑިވިއަން އައިޑަލް - "ވާށޭ މަށާ އެކީ"ގެ ލީޑް އެކްޓަރުން އައިޑަލް ސްޓޭޖުގައި / ފޮޓޯ: ޕީ.އެސް.އެމް

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ.

ގަދަ 6 ބައިވެރިންނާއެކު ގާލާ ރައުންޑުގެ 7 ވަނަ ޝޯވދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވާ ހުކުރު ދުވަހުގެ ރޭގައެވެ. މިހާރު ތާވަލްކުރެވިފައި ވާގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.