ޚަބަރު

މަސްވެރިކަމުގެ ސިނާޢަތުގެ މައްސަލަތަކަށް ޖުމްލަ ހައްލެއް ގެނެސްދޭނަން: ޝިޔާމް


  • މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 40 މަސްވެރިން ބައިވެރިވޭ

  • ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރާނެ

  • މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ މާލޭގައި

މަސްވެރިކަމާއި، އެދާއިރާއާ ގުޅުންހުރި އެކިދާއިރާތަކަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޖުމްލަ ޙައްލެއް ގެނައުމަށް މަސއްކަތް ކުރައްވާނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ "މަސްވެރިންގެ ގުންޒަރު" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

43 ވަނަ މަސްވެރިންގެ ދުވަހާ ގުޅުވައިގެން މަސްވެރިންގެ ކަންބޮޑުވުންތަކާ، މަސްވެރިކަމުގެ އެކިއެކި ދާއިރާތަކަށް އޮތް ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ޙައްލު ހޯދޭނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ކުރިއަށް ގެންދާ "މަސްވެރިންގެ ގުންޒަރު"ގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި، އެ ދާއިރާއާއި ގުޅުންހުރި އެކިއެކި ދާއިރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ގުންޒަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ކަނޑުތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކުގެ އަޑު އަހައި އެކަމަަށް ޖުމްލަ ޙައްލެއް ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިންގެ ދުވަސް މާލޭގައި ފާހަގަކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވެގެންކަމަށާ، އެއީ މަސްވެރިކަމުގެ ސިނާއަތަށް މެނިފެސްްޓޯގައި ހުރިކަންކަމަށް އެމަނިކުފާނު ހައްލުގެނަސްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ހާމަވި އެއްސަބަބުކަމަށެވެ. މާލޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމި އެއް ސަބަބަކީ، ޚަރަދުކުޑަކުރުމެވެ.

"މިއަހަރުގެ މަސްވެރިންގެ ދުވަސް މިފާހަގަކުރަނީ ގައުމުގެ މާލީ ހާލަތާ ވެރިކަމާ ހަވާލުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އަޅުގަނޑު އަދި ވަރަށް އާ. އެހެންނަމަވެސް ތިޔަ ތަޖުރިބާ ހުރި ބޭފުޅޫންނާއެކު ކަންކަމާ މަޝްވާރަށްކޮށް ސަރުކާރު ތެރެއިން ހައްލުގެނަސް ދެއްވުމަށް މަސައްކަތް ކުރާނަން، ރައީސުލްޖުމްހޫރިއްޔާވެސް ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއްމީ. ވަކިން ޚާއްސަކޮށް މަސްވެރި ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ފަހި ގޮތް މަގުފަހިކޮށްދެއްވުމަކީ އެމަކިނުފާނު ހާއްސަ އިސްކަމެއް ދެއްވާކަމެއް" މަސްވެރިކަމާ ކަނޑުތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވިއެވެ.

މި ގުންޒަރުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތުގައި ހަރަކާތްތެރިވާ 40 މަސްވެރިން ބައިވެރިވެއެވެ. މިގުންޒަރުގައި ކަޅުބިލަމަހުގެ އެމް.އެސް.ސީ ސެޓްފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާ، ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމަށްޓަކައި ހިންގަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތުދީ އެ ދެ މަސްވެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް މަސައްކަތްކުރާނެއެވެ.

އަދި މަސްވެރި އުޅަނދުތަކުގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ކަންކަމަށްވެސް މި ގުންޒަރުގައި މަސްވެރާ ކުރެވިގެންދާނެއެވެ. މީގެ އިތުރުން ކަނދުފަތި ޤާއިމްކުރުމުގައި ބަލަންޖެހޭ މުހިންމު ފަންނީ ކަންކަމަށްވެސް މި ގުންޒަރުގައި މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މަހުގެ އަގު ކަޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ މިންގަނޑުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މަސްވެރިޔާ ކާޑުގެ މައުލޫމާތު އަދި ސްކޭމް އާ ފްރޯޑްއަށް ކޭސްތަކަށް މަސްވެރިން ރައްކާތެރިކޮށް ހޭލުންތެރިކުރުމަށްވެސް ހާއްސަ މައުލޫމާތުގެ ސެޝަންތަކެއް ކުރިއަށްގެންދާނެއެވެ.

ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަކީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މިއަހަރު މިދުވަސް ފާހަގަކުރަނީ މާލޭގައެވެ.