އިސްލާމީ ޢަޤީދާއަކީ އިމާންކަމުގެ އަސާސްކަމަށާއި، އެއަސާސްގެ މައްޗަށް ދަރިން ތަރުބިއްޔަތުކޮށްގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ޚުތުބާގެ މަޢުޟޫއަކީ "އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިންމުކަން" މިއެވެ.
ޚުތުބާގައި ވިދާޅުވީ، ދަރިންނަކީ ތަޢުލީމީ ޤާބިލު ބަޔަކަށް ހެދުމަށް ބެލެނިވެރިންނާއި ދަޢުލަތުން އެތައް ބުރައެއް އުފުލާ ހޭދަތަކެއް ކުރާކަމަށެވެ. ނަމަވެސް މީގެތެރެއިން އަހަރަމެންނަށް ދޫކޮށްލެވޭ ކަމަކީ، އިސްލާމީ ޢަގީދާއާއި ގުޅޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.
އިސްލާމްދީން ބިނާވެގެންވަނީ ޢަޤީދާއާއި ޢަމަލުގެ މައްޗަށްކަން ބަޔާންކޮށް، އެކަން ބޮޑުވަމުން އަންނަ ޖީލަށް ފުރިހަމައަށް ފޯރުކޮށްދިނުމަށާއި މިކަމަކީ އަހަރަމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްޢޫލިއްޔަތުކަމަށް ވަނީ ވިދާޅުވެފައެވެ. މިކަމުގައި ބެލެނިވެރިންނާއި، ތަޢުލީމީ މުއައްސަސާތަކުން ފަރުވާކުޑަނުކުރުމަށްވެސް ޚުޠުބާގައިވަނީ އިލްތިމާސްކުރައްވާފައެވެ.
ދަރިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ ވަރުގަދައަށް ބިންވަޅުނެގިފައި ނުވާނަމަ، އެ ދަރިން އިސްލާމްދީނާއި ޚިލާފު އެކިއެކި އޮއިވަރުތަކުގައި ޖެހި، ޙައްޤު މަގުން އެއްކިބާވެގެން ދިއުން ގާތްކަމަށް ވަނީ ވިދާޅުވެފައެވެ. ޚުޠުބާގައިވަނީ އިސްލާމީ ޢަޤީދާ ފުނޑުފުނޑުކޮށްލުމަށް ޣައިރު މުސްލިމުން ކެނޑިނޭޅި ކުރާ މަސައްކަތްތަކަށްވެސް ޚާއްސަ ސަމާލްކަމެއް ދެއްވުމުގެ މައްޗަށްވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި މީޑިއާގެ ވަސީލަތްތައް ބޭނުންކުރުން އާއްމުވެފައިވާ މިފަދަ ޒަމާނެއްގައި، އިސްލާމީ ޞައްޙަ އަޤީދާގެ މަތީގައި ތިބި ކުދިންތަކެއްގެ ސިކުނޑިއާއި ކުޅެލުމަކީ ފަސޭހަމަކަމަކަށް ނުވާނެކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
"ދުނިޔަވީގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިވަރުންނަށް ކިޔަވައިދެވޭ. ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށް ތަފާތު ޙަރަކާތްތައް ސްކޫލްގައިވެސް ބާއްވާ. މީގެތެރެއިން އަހަރަމެންނަށް ނުކުރެވި އެއް ކަމެއް އެބައޮތް. އެއީ އެކުދިންނަށް އިސްލާމީ ޢަޤީދާއާއި ގުޅޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން. ޢަޤީދާއާއި އިމާންކަމުގެ އަސާސްގެ މައްޗަށް މެނުވީ، ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ." ޚުތުބާގައި ވިދާޅުވިއެވެ.
ޤިޔާމަތް ދުވަހުގައި ކާމިޔާބާއި ފަލާޙު ލިބުންވަނީ ޢަޤީދާ ޞައްޙަވުމުގެ މައްޗަށްކަމުން، އެފަދަ މުޖުތަމަޢެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރެއްވުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. މީގެއިތުރުންވެސް، އިންސާނާއަށް ދިމާވާ ކަންބޮޑުވުންތަކާއި ނުތަނަވަސްކަމާއި، މާޔޫސްވުންފަދަ ކަންކަމުންވެސް ސަމާމާތްކޮށްދެނީ އިސްލާމީ ރަނގަޅު ޢަޤީދާކަމަށް ޚުތުބާގައި ވިދާޅުވެފައިވެއެވެ.