ޚަބަރު

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިއަހަރުތެރޭ 3ވަނަ ފަހަރަށް ހެޔޮކޮށްފި


  • މިއީ މިއަހަރުތެރޭ ތެލުގެ އަގު ހެޔޮކުރި 3ވަނަ ފަހަރު

  • ޕެޓްރޯލް ލިޓަރަކުން 40 ލާރި ވަނީ ކުޑަކޮށްފައި

  • ޑީސަލް ލިޓަރަކުން 45 ލާރި ވަނީ ކުޑަކޮށްފައި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. މިއީ މިއަހަރުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރި 3 ވަނަ ފަހަރެވެ. އެންމެފަހުން ތެލުގެ އަގު ހެޔޮކޮށްފައިވަނީ ޖޫންމަހުގެ 9ވަނަ ދުވަހުއެވެ.

އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރަކުން 40 ލާރި އަދި ޑީސަލް ލިޓަރަކުން 45 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

މިބަދަލާ އެކު މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 14.33 ރުފިޔާއެވެ. އަދި ޑީސަލް ލިޓަރެއްގެ އަގަކީ 14.62 ރުފިޔާއެވެ. މީގެކުރިން ޕެޓްރޯލް ޕެޓްރޯލް ލީޓަރެއް ހުރީ 14.73 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ހުރީ 15.07 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއެކު އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތަކަށްވެސް ބަދަލު ގެންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެކުރާ ކުންފުންޏެވެ. އެކުންފުނީގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސްއަކީ މުޅި ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ކުންފުންޏެވެ. އެގޮތުން މާލޭގައި ހުންނަ ޕެޓްރޯލް ޝެޑުތަކުގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ތެލާއި ރަށްރަށުގެ އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ތެޔޮވެސް ފޯރުކޮށްދެނީ އެކުންފުނިންނެވެ