ޚަބަރު

އޯޓިޒަމް އެސޯސިއޭޝަނަށް ހުރިހާ އެހީއެއް ވެދޭނަން- އުމަރު


އޯޓިޒަމް އެސޯސިއޭޝަނަށް ސަރުކާރުން ވެދެވެންއޮތް ހުރިހާ އެހީއެއް ވެދެއްވާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އުމަރު މިހެން ވިދާޅުވީ މިއަހަރުގެ އޯޓިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޯޓިޒަމް އެސޯސިއޭޝަނުން ރޭ ބޭއްވި ދުވުން ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާޔުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ވިދާޅުވީ، އޯޓިޒަމް ހުންނަ ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް އޯޓިޒަމް އެސޯސިއޭޝަނުން ކުރައްވާ މަސައްކަތަށް ސަރުކާރުގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމަށެވެ. އަދި މިފަދަ ކުދިންގެ ދިފާޢުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން ކުރައްވާ މަސައްކަތް ހޯމް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިއަހަރުގެ އޯޓިޒަމް ދުވަހުގެ ހަރަރާތްތައް ފެށުނީ ރޭ ބާރަ ގަޑި ސުންމިނެޓްގައި އޮތް ފަސް ކިލޯމީޓަރ ގެ ދުވުމުންނެވެ. މިޙަރާކާތްތައް ފެށުމުގެ ގޮތުން ސޯޝަލްސެންޓަރ ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި ގައިވަނީ، ރިޔަލު ކަނދެއްގައި ރާއްޖެވަށައި ބުރުޖެހި ޢަބްދުލް ޣަފޫރު ގައްބެއަށް ވަނީ "އޯޓިޒަމް ރަދުން 2016" ގެ ޝަރަފް އަރުވާފައެވެ.

އޯޓިޒަމް ރަދުންއަކީ މިއަހަރު އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ ހުރިހާ ޙަރަކާތްތަކެއް ޕްރޮމޯޓްކޮށް އޯޓިޒަމް އެސޯސިއޭޝަނަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތެކެވެ. މި ޝަރަފް އަބްދުލް ޣަފޫރާއި ޙަވާލުކޮށްދެއްވީ އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިފްހާމް ހުސެއިންނެވެ. އަދި އޯޓިޒަމް އެސޯސިއޭޝަންގެ ދިދަ ގައްބެ އާ ހަވާލުކޮށްދެއްވީ އެ އެސޯސިއޭޝަންގެ ޗެއަރޕާސަން އިލްހާމް ހުސައިންނެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިފްހާމް ހުސެއިން ވިދާޅުވީ، މިއަހަރުގެ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އެ އެސޯސިއޭޝަންގެ ފަރާތުން ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށެވެ. މިގޮތުން އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނާއި އެކުދިންނަށް ޢާއިލީ ނާސްތައާއި ބައިސްކަލް ބުރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިފްހާމް ވިދާޅުވިއެވެ.