ޚަބަރު

ޤައުމީ އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާޙްކުރައްވައިފި


  • ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާނެ ޤާބިލް މީހުން އުފައްދާ ޢާއްމުން ހޭލުންތެރިކުރުމަށް އުފެއްދި އެކަޑަމީއެއް

  • އެކަޑަމީއިންވަނީ މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން އެކަޑަމީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައި

  • ކޮރަޕްޝަނާއި ދެކޮޅަށް ކުރައްވާ ކޮންމެ ކަމެއްގައި ސަރުކާރުގެ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ވިދާޅުވި

ރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކަޑަމީ އިފްތިތާޙްކުރައްވައިފިއެވެ. މިއެކަޑަމީ އިފްތިތާޙްކޮށްދެއްވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.

ބައިނަލްއަޤުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ޖަލްސާގައިވަނީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާކުރުމާއި މީހުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި "މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ" އިފްތިތާޙްކުރައްވާފައެވެ. ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި އެންމެ ބޮޑަށް ދިމާވެފައިވާ ހިރާސްތަކުގެތެރޭގައި ދާއިރާއިން ތަމްރީނުވެފައިވާ ޤާބިލް މީހުން ނެތުން ހިމެނެއެވެ. އެހެންކަމުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ކުރެވުނު މަސައްކަތުން އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ މީހުން ބިނާކުރުމަށާއި ޢާއްމުން ހޭލުންތެރިކުރުވުމުގެ ޒިންމާ އުފުލާނެ އިދާރާއެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކަޑަމީ އުފައްދަވާފައެވެ.

މިއެކަޑަމީ އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2007 ވަނަ އަހަރު އދ.ގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުޢާހަދާގައި ބައިވެރުވުމަށްފަހު މިވީ މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ޙާސިލުކުރައްވާފައިވާކަމަށެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކުޑަ، ބޮޑު ކޮންމެ މަސައްކަތެއްގައި އެމަނިކުފާނުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.

"ކޮރަޕްޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް ނަޒާޙަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގައި ޢިލްމީ ފެންވަރުގައި މަސައްކަތްކުރާން. ޤާނޫނު އަސާސީގައި ބަޔާންކުރާ ފަދައިން ކޮރަޕްޝަނާއި ދެކޮޅަށް މުވައްސަސާއެއް އެކުލަވާލާ މަސައްކަތް ފެށިގެންދިޔައީ 2007 ވަނަ އަހަރު. މިމުއައްސަސާއިން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އަޅުގަނޑު ފާހަގަކުރަން. އަދި ގިނަ ގުނަ ކާމިޔާބީތަކެއްވެސް ޙާސިލްކޮށްފައިވާކަން ފާހަގަކުރަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

"މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީ" ފެށުމާއެކު ތަޢުލީމީ މުވައްސަސާގެ ތަސައްވުރާއި އަމާޒުތަކާއި، ލަނޑުދަނޑިތަކާއި، އިސްތިރާޖީ އެކްޝަން ޕްލޭނާއި ގުޅޭނެހެން މިކަމަށް ބޭނުންވާ ތަޢުލީމީ ސިޔާސަތުތަކާއި، ކިޔަވައިދޭނެ ކޯސްތަކުގެ މޮޑިއުލްތައްވަނީ ތައްޔާރުކޮށްފައެވެ. މިއެކަޑަމީ ހިނގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ހުއްދަ ލިބިފައިވާއިރު، އެ އެކަޑަމީ ހިންގުމަށް އެހީތެރިކަން ހޯދުމަށް މިހާރުވަނީ މެލޭޝިޔާގެ އެންޓި ކޮރަޕްޝަން އެކަޑަމީއާއެކު އެމްއޯޔޫއެއްވެސް ޤާއިމުކޮށްފައެވެ.

އެންޓި ކޮރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާގައިވަނީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާނެ ޓްރަސްޓް ފަންޑެއްވެސް ޤާއިމުކުރައްވާ އިފްތިތާޙުކުރައްވާފައެވެ. ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ތަޙުގީގުތަކާއި ކުރިއަށްގެންދާ ތަމްރީނުތަކަކީ ދައުލަތުގެ ބަޖެޓުގެ އެހީއާއި ނުލައި މިނިވަންކަމާއެކު ހުއްޓުމަކަށްނައިސް ކުރިއަށްގެންދެވޭ ކަންކަމަށް ހެދުމަކީ މި ޓްރަސްޓް ފަންޑުގެ މައިގަނޑު މަޤްސަދުކަމަށް އޭސީސީން ވިދާޅުވެއެވެ.

މި ޖަލްސާގައިވަނީ ޤައުމީ ފެންވަރުގައި ކޮރަޕްޝަނާއި މެދުކުރިއަށްގެންދިޔަ ފުރަތަމަ ދިރާސާގެ ނަތީޖާވެސް ޢާއްމުކުރައްވާފައެވެ. އެގޮތުން އާބާދީގެ 56 އިންސައްތަ މީހުން ޤަބޫލުކުރާގޮތުގައި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޮރަޕްޝަންގެ މައްސަލައެވެ. އަދި މިދިރާސާގައި ބައިވެރިވި 64 އިންސައްތަ މީހުން ޤަބޫލުކުރާގޮތުގައި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެފައިވާކަމަށް ޢާއްމުންދެކޭކަން މިދިރާސާއިންވަނީ ހާމަވެފައެވެ.

ބައިނަލްއަޤުވާމީ އެންތި ކޮރަޕްޝަން ދުވަހަކީ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތް ހަރުދަނާކުރުމާއި މިކަމަށް ޢާއްމުން ހޭލުންތެރިކުރުވުމެވެ.