ޚަބަރު

ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ


  • ހޯދަމުން ދަނީ ނ. މިލަދޫ، ގުމުރީގެ، މުއްރަތު އަލީ

  • އޭނާ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި

  • އެންމެފަހުން ފެނިފައިވަނީ މިމަހުގެ 3 ވަނަ ދުވަހު

ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ފިރިހެނެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ ނ. މިލަދޫ، ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 6 ވަނަ ދުވަހު ރިޕޯޓުކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ހަވީރު، 5:00 ޖަހާކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ފުލުހުން ހާމަކުރެއެވެ.

މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.