ޚަބަރު

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ މިމަހު 23ގައި، ކުރިމަތިލާން ހުޅުވާލައިފި


  • ކުރިމަތިލުމަށް ފޯމު ހުށައެޅޭނީ މިމަހުގެ 7ވަނަ ދުވަހުގެ ފެށިގެން 11ވަނަ ދުވަހަށް

  • އިންތިޚާބުގައި ވާދަކުރެވޭނީ މިމަހުގެ 10ގެ ނިޔަލަށް ޕާޓީއާ ގުޅުނު މީހުންނަށް

  • މިވަގުތު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލްކުރައްވާ ތިބީ 4 މެންބަރުން

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ، މިމަހުގެ 23ވަނަ ދުވަހު ބާއްވާ ގޮތަށް އެ ކޯލިޝަންގެ ސެނެޓުން ނިންމައިފިއެވެ.

އެ ކޯލިޝަނުގެ ސެނެޓު ބައްދަލުވުމުގައި ވަނީ، ޕްރައިމަރީއަށް ކުރިމަތިލުމުގެ ތާރީޚުތަކާއި، ވޯޓުގައި ބައިވެރިވުމަށް ޕާޓީއާއި ގުޅެންޖެހޭނެ ފަހު ތާރީޚުވެސް ނިންމާފައެވެ.

ސެނެޓު ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ޗެއަރޕަރސަން ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 7ވަނަ ދުވަހުގެ ފެށިގެން 11ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. ޕްރައިމަރީ ބާއްވާ ދާއިރާތައް ކަނޑައަޅާނީ، ފޯމު ހުށައަޅާ އަދަދުތަކަށް ބަލާފައިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެ ކޯލިޝަނުން ޕްރައިމަރީއަށް ހުޅުވާލީ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނަށެވެ. ރިޔާސީ އިންތިޚާބުގައި ކޯލިޝާނާއި ބައެއް އިތުރު ޕާޓީތަކުން ގުޅުނަމަވެސް، މިހާތަނަށް ނިންމާފައި އޮތީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެކަނި މަޖިލިސް އިންތިޚާބުގައި ކުރިމަތިލުމަށް ފުރުޞަތު ދިނުމަށްކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.

"ޕްރައިމަރީއަށް ކުރިމަތިލެވޭނީ އަދި ޕްރައިމަރީގައި ވޯޓު ދެވޭނީ މިމަހުގެ 10ގެ ނިޔަލަށް ޕާޓީއާއި ގުޅޭ މެންބަރުންނަށް އެކަނި. ޕްރައިމަރީ ބާއްވާނީ މިމަހުގެ 23ގައި." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއި ގުޅުނު އެމްޑީއޭ އަދި އެމްއެންޕީއާއި އެކު އޭރު އެއްބަސްވުންތަކަކަށް އައިނަމަވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މިސަރުކާރު ދެމެހެއްޓުމަށް، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުން ވަރަށް މުހިންމުކަމަށެވެ. ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، މަޖިލިސް އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ، މަޖިލީހުގެ "ސުޕަރ މެޖޯރިޓީ" މެގޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތްކަމަށް ވިދާޅުވެފައެވެ.

މިވަގުތު މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ ތަމްސީލްކުރައްވާ ތިބީ 4 މެންބަރުންނެވެ.

ޕީޕީއެމްގައި މިވަގުތު އާއްމު މެންބަރުންގެ އަދަދު 38000އިން މައްޗަށް އަރައެވެ. ޕީއެންސީގެ މެންބަރުންގެ އަދަދަކީ 3159 މެންބަރުންނެވެ. ޕީއެންސީއަށް ގުޅުމަށް އިތުރު 10000 އަށްވުރެ ގިނަ ފޯމު، އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށައަޅާފައެވެ.