ޚަބަރު

އިންޑިއާ ސިފައިންގެ އަދަދު 89އަށް؛ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުވޭ


  • އިންޑިއާ ސިފައިންގެ އަދަދު 89 އަށް ތިބި އަދަދު އަދިވެސް ކަށަވަރު ނުވޭ

ދިވެހި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް ކަށަވަރު ނުވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްޙޫރިއްޔާ މިކަން ހާމަކުރެއްވީ ސަރުކާރުން ނިންމި މުހިންމު ކަންތައްތަކުގެ މައުލޫމާތު ޙިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ، ފޮރިން މިނިސްޓްރީ އާއި ދިފާއި ވުޒާރާއިން މިހާތަނަށް ކަށަވަރު ކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންޑިއާގެ 89 ސިފައިން ރާއްޖޭގައި ތިބިކަން ކަށަވަރު ކުރެއްވިފައިވަކަމަށެވެ. އެހެންނަމަވެސް އަދިވެސް ސީދާ ތިބި އަދަދު ކަށަވަރުނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަދަދު ކަށަވަރުކޮށް އެމީހުން ފޮނުވާލުމަށްޓަކައި ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި އިންޑިއާ ހައިކޮމިޝަން ހިމެނޭގޮތަށް ޓެކްނިކަލް ކޮމެޓީއެއް އުފައްދަވައިގެން މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

"އިންޑިއާ ސިފައިންގެ އަދަދު ފޮރިން މިނިސްޓްރީ އާއި ދާޚިލީ ވުޒާރާއިން 77 ން 89 އަށް މިހާރު ވަނީ އިތުރުވެފައި .މިހާތަނަށް ފެނުނު މައުލޫމާތުތަކަށް ބަލާއިރު މިއީ އަދި މިހާތަނަށް ބެލިބެލުމުން ކަށަވަރު ވެފައިވާ އަދަދު ފަހަރެއްގައި މިއަށްވުރެވެސް އިތުރު ވެދާނެ. އަދިވެސް މިދަނީ އެކަން ބަލަމުން" ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ ކަމަށާ، އެކަމަކީ މި ރާއްޖޭގެ ސިޔާދަތައް ހުރި ނުރައްކަލެއްކަމަށާ، އެގޮތައް ބަޔަކު ތިބިނަމަ ރާއްޖެއިން ފޮނުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައިވަނީ ވިދާޅުވެފައެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވެ ދެވަނައަށް ވީ ދުވަހު ރައީސުލްޖުމްޙޫރިއްޔާގެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން، އެއޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ އިންޑިއާގެ 77 ސިފައިން ތިބިކަން ކަށަވަރު ވެފައިވާކަމަށެވެ. އޭރަށް ސާފުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިންޑިއާއިން ހަދިޔާކުރި 1 ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 24 ސިފައިން، 2 ވަނަ ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 26 ސިފައިން އަދި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމުގައި 25 އިންޑިއާ ސިފައިން ހަރަކާތްތެރިވާކަން މެއިންޓަނަންސާއި އިންޖިއަރިންގެ މަސައްކަތުގައި 2 ސިފައިން ތިބިކަމަށްވަނީ ހާމަކުރައްވާފައެވެ.

ލިޔެކިޔުންތަކުން ފެންނަން ގޮތުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ފަށާފައިވަނީ 2011 ވަނަ އަހަރުންފެށިގެންނެވެ. އެއީ އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ހެލިކޮޕްޓަރު ދުއްވުމަށެވެ.

އިންޑިއާ ސިފައިންގެ މައްސަލައާ ރާއްޖޭގެ ސިޔާދަތާ ގުޅޭގޮތުން ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގެ ދެނެގަނެ ދިރާސާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.