ޚަބަރު

މިއަހަރު 50 ފަގީރުން ހިލޭ ޙައްޖަށް ފޮނުވަން ރައީސް ނިންމަވައިފި


  • 1000 ފަގީރުން ހިލޭ ޙައްޖަށް ފޮނުވުމަކީ ރައީސްގެ ވަޢުދެއް

  • ފުރަތަމަ ފޮނުވާނީ 50 ފަޤީރުން

  • ކޮންމެ އަހަރަކު ވަކި ޢަދަދެއް ފޮނުވާނެ

  • ބަލާނީ ފަޤީރުންގެ ރަސްމީ ލިސްޓަށް

1000 ފަގީރުން ހިލޭ ޙައްޖަށް ފޮނުވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް އެންމެ ފުރަތަމަ 50 ފަޤީރުން ހައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

1000 ފަގީރުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފިހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ހިލޭ 1000 ފަގީރުން ޙައްޖަށް ގެންދިއުމަށް މިއަދު ކެބިނެޓުން ފާސްކޮށްފައިވާކަމަށެވެ. އަދި ކެބިނެޓުން ނިންމެވީ އެންމެ އަވަހަށް ފަންސާސް ފަގީރުން ޙައްޖަށް ފޮނުވުމަށްކަމަށާއި، އެގޮތުން ކޮންމެ އަހަރަކުވެސް ވަކި ޢަދަދެއް ހިލޭ ހައްޖަށް ފޮނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ މި ފަސް އަހަރު 1000 ފަގީރުން ހިލޭ ޙައްޖަށް ފޮނުވުމުގެ އިތުރުން، ފަސް އަހަރު ނިމުމުންވެސް ދާއިމީކޮށް ކުރިއަށްދާ ކަމެއްގެ ގޮތުގައި ދެމިއޮތުންކަމަށެވެ.

ރައީސް ވިދާޅުވީ ޙައްޖަށް ފޮނުވުމުގައި ފަޤީރުންގެ ގޮތުގައި ބަލާނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި އޮންނަނަ ފަގީރުންގެ ރަސްމީ ލިސްޓަށްކަމަށެވެ.

"އެ ފަންސާސް ޖާގަ މިދެނީ ފަޤީރުންގެ ލިސްޓުގަ ހިމެނޭ މީހުންގެ ތެރެއިން އާންމުކުރާ އުސޫލަށް ފިޓުވާ ފަރާތްތަކަށް. ހަމަ ލައިވްކޮށް މީހުންގެ ކުރިމަތީގަ ގުރުއަނު ނަގައިގެން އޭގެ އެއްވެސް ކަހަލަ ސުވާލެއް ނުއުފެދޭގޮތަށް އެއްވެސްކަހަލަ އިލެކްޓްރޯނިކް ނިޒާމެއް ބޭނުން ނުކޮށްފިޒިކަލް ގުރުއަތު ނެގުމަކުން ލައިވްކޮށް ނަގާނީ. އެ އުސޫލު އަދި އިއުލާންކުރާނަން. ޢުމުރު، ފުރަތަމަ ޙައްޖު، މިކަހަލަ މިންގަނޑުތަކެއް ހުންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާއި އިތުރުކުރައްވަން މަސައްކަތް ކުރެއްވުމާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެވެ. ރާއްޖެއަށް މިހާރު ލިބޭ 1000 ކޯޓާގެ ބަދަލުގައި، އެ އަދަދު 2000އަށް އިތުރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޙައްޖަށް މީހުން ގެންދިއުމަށް މިހާރު ރާއްޖެއަށް ލިބެނީ 1000 ކޯޓާއެވެ. މީގެތެރިން ބޮޑު ބައެއް ދެނީ ޙައްޖު ކޯޕަރޭޝަންއަށެވެ. މިއަހަރުވެސް 3 ކުންފުންޏަކަށް 270 ކޯޓާ ދީފައިވެއެވެ.