ޚަބަރު

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ޢާޒިމާ


  • ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މޭޔަރުކަމަށް ހުޅުވާލި ފުރުސަތު ހަމަވީ މިއަދު ހަވީރު

  • މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 13 ގައި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލުމަށް ހުށައަޅާފައިވަނީ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު އެކަނި ކަމަށް އެކޯލިޝަނުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި، މާލޭގެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 މެންބަރުންގެ މަޤާމަށް ވާދަކުރުމުގެ ފުރުޞަތު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުވާލީ ނޮވެންބަރު 30 އިން ފެށިގެން ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00ގެ ނިޔަލަށެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ވަގުތު ހަމަވިއިރު މޭޔަރުކަމުގެ މަޤާމަށް ވާދަކުރުމަށް ހުށައަޅާފައިވަނީ އާއިޝަތު އާޒިމާ ޝަކޫރު އެކަނިކަމަށެވެ.

ޢާޒިމާ މީގެކުރިން ވިދާޅުވެފައިވަނީ އެމަޤާމަށް ވާދަކުރައްވަން ނިންމެވީ، މާލެ ސަރަޙައްދު ހަގީގީ މާނައިގައި ތަރައްޤީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ޤަބޫލުކުރެވޭތީއާއި، އެކަން ރައްޔިތުންނަށް ކޮށްދެއްވުމަށް އިސްނެންގެވުމުގެ ގޮތުންކަމަށެވެ.

އާޒިމާ ވިދާޅުވީ ލާމަރުކަޒީގޮތުން ރާއްޖެއަށް ބަދަލުތަކެއް އައިނަމަވެސް ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަކަމަށެވެ. ޚާއްޞަކޮށް މާލެ ސަރަހައްދަށް އަންނަމުންދާ ބަދަލުތަކާއެކު ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުމުގެ ބޭނުންތެރިކަން ދުވަހެއް ދުވަހަކަށް އިތުވަމުންދާ ކަމަށް ޢާޒިމާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާޒިމާ ވިދާޅުވީ މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރައްވާނެ ކަމަށާއި، އިންތިޚާބީ ރައީސް އެކުލަވާލައްވާފައިވާ ސްޓްރެޓެޖިކް ޕްލޭން ތަންފީޒްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއެވެ. އާޒިމަށް ޓިކެޓް ލިބިފައިވަނީވެސް ޕްރައިމަރީއަކާއި ނުލައެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.