ޚަބަރު

އަމީނީ މަގުގެ ނުނިމި ހުރި ސެގްމަންޓްތަކުގެ މަސައްކަތް ފަށަނީ


  • 11 ސެގްމަންޓެއް ވަނީ ނިމިފައި

  • ނުނިމި އޮތީ 2 ސެގްމަންޓް

  • މަގުގެ މަސައްކަތް ނިންމުމަށް ދަނީ ތައްޔާރުވަމުން

ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ އަމީނީ މަގުގެ ނުނިމި އޮތް ސެގްމަންޓްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އަމީނީ މަގު ހެދުމުގެ މަޝްރޫއާއި ގުޅޭގޮތުން މިނިސްޓްރީއާއި އެމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ވަނީ ބައްދަލުކޮށްފައެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ބަހާލާފައިވަނީ 13 ސެގްމަންޓަކަށެވެ. މީގެ ތެރެއިން މިހާރު ނިމިފައިވަނީ 11 ސެގްމެންޓެވެ.

މިމަޝްރޫއުގެ ދަށުން އަމީނީމަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނާ ހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅާނެއެވެ. މިހާރު ތާރުއަޅާފައިވަނީ ހެންވޭރުން ފެށިގެން އިއްޒުއްދީން މަގާއި ހަމައަށެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުގައި ނުނިމިވާ 2 ސެގްމެންޓްގެ މަސައްކަތާއި ގުޅޭގޮތުން އާރްޑީސީން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއާއެކު ބޭއްވެވި ބައްދަލުވުމުގައިވަނީ މި މަސައްކަތުގެ ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައެވެ.

އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އަމީނީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްގެންދިއުމުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް އާރުޑީސީން ވަމުން އަންނަކަމަށެވެ. އަދި މިމަސައްކަތް ކުރަން ފެށުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

އެގޮތުން އަމީނީ މަގުގެ ޓްރެފިކް ޕްލޯއަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަސް ރޫޓުތަކަށް ދިމާވެދާނެ ދަތިތަކަށް ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް މިބައްދަލުވުމުގައި ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އަމީނީމަގުގެ ނުނިމި އޮތް 2 ސެގްމެންޓްގެ މަސައްކަތް މެދުކަނޑާލީ އަމީނީމަގަކީ ބާރު ބޮޑު މަގަކަށްވުމުން، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން ނިމެންދެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދުމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ކުރިންވަނީ ބުނެފައެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ ނިމުނު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 12 ސެޕްޓެމްބަރު 2022ގައެވެ. މިމަސައްކަތް މިސަރުކާރުން ކުރިއަށް ގެންދަން ޖެހުނީ ނިންމަން ދީފައި އޮތް ތާރީޚަށް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ގުޅިގެންނެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާއި ޙަވާލުކުރައްވާފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ.