ޚަބަރު

ފެނަކައިގެ 3900އަށްވުރެ ގިނަ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސަފުކުރަން ޕީޖީއަށް


  • 2018 ގެ ނިޔަލަށް ތިބީ 2600 މުވައްޒަފުން

  • ނިމިދިޔަ ސަރުކާރުން 4000 ވުރެ ގިނަ މުވައްޒަފުން ވެއްދި

  • ސިޔާސީ ބޭނުމަށް ކުށުގެ ރެކޯޑު ސާފުނުކޮށް ވެއްދި މުވައްޒަފުން ގިނަ

ފެނާ ނަރުދަމާއާއި، ކަރަންޓްގެ ޚިދުމަތް އަތޮޅުތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދަވާފައިވާ ޔުޓިލިޓީ ކުންފުނި، ފެނަކައިގައި ވަޒީފާ އަދާކުރަމުންދާ 3900 ވުރެގިނަ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ހުށައަޅައިފިއެވެ.

މީ ރާއްޖޭގެ ތާރީހުގައި ސަރުކާރުގެ ކުންފުންންޏަކުން ކުށުގެ ރެކޯޑު ސާފުކުރުމަށް އެއްފަހަރާ ހުށައެޅި ފުރަތަމަ ފަހަރެވެ. ނިމިދިޔަ ސަރުކާރުން ފެނަކަ ކޯޕަރޭޝަންއަށް ސިޔާސީ މަންފާހޯދުމަށް ގިނަ އަދަަދެއްގެ މުވައްޒަފުން ވައްދާފައިވާކަމަށް އިންތިގާލީ މަރުހަލާގެ ރިޕޯޓުތަކުން ސާފުވެއެވެ. ސިޔާސީ މަންފާހޯދުމަށް ފެނަގައިގެ އިތުރަށް ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަށް ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ވަޒީފާ ދީފައިވާކަން އިންތިޤާލީ ކޮމިޓީން އޭރު ހިއްސާކޮށްފައިވެއެވެ.

2018 ވަނަ އަހަރު ނިމުނު އިރު ފެނަކާގައި ތިބީ ގާތްގަނޑަކަށް 2600 އެއްހާ މުވައްޒަފުންނެވެ. އެހެންނަމަވެސް ނިމި ދިޔަ ސަރުކާރުން ހަތަރު ހާހަށްވުރެ ގިނަ މުވައްޒަފުން އެކުންފުނީގެ ވަޒީފާތަކަށް ވަނީ ވައްދާފައެވެ. އޭގެ ތެރޭގައި އިންތިހާބުގެ ވޯޓުލުމާ ދެމެދު އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ވަގުތީ މުވައްޒަފުންތަކެއްވެސް އެކުންފުންޏަށް ވަނީ ނަގާފައެވެ. އަދި ފެނަކައަށް ވައްދާފައި ތިބި ބައެއް މުވައްޒަފުން ވަޒީފާ ދީފައިވަނީ ވަޒީފާ އާ ބެހޭ ޤާނޫނާއި ޤާވާއިދުތަކާއިވެސް ޚިލާފަށްކަމަށްވެސް އެކުންފުނީގހެ އައު މެނޭޖުމަންޓުން ފާހަގަކުރެއެވެ. އެގޮތުން ބައެއް މުވައްޒަފުންގެ ކުށުގެ ރެކޯޑްސާފުނުކޮށްހުރިކަމަށް އެކުންފުނިން ބުންޏެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ސާފުކޮށްދިންނަމަވެސް ސަރުކާރު ޙިއްސާވާ ކުންފުންޏަކުން އެކުންފުނީގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، މިނިޒާމު މިވަގުތު މިއޮތީ ތޮއްޖެހިފައިކަމަށް ޕީޖީއިިން ވިދާޅުވެއެވެ.

ޢާންމު ގޮތެއްގައި އަހަރަކު، ޕީޖީ އޮފީހުން ކުށުގެ ރެކޯޑު 13000 (ތޭރަހާސް) ފޯމު ހުށައަޅައެވެ. އިއްޔެ އެކަނިވެސް ޕީޖީ އޮފީހުން 3930 ފޯމު ވަނީ ހުށައަޅާފައެވެ. އެއީ ގާތްގަނޑަކަށް އަހަރަކު އަންނަނާނެކަމަށް އަންދާޒާކުރާ ފޯމުގެ 30 އިންސައްތަ ފޯމެވެ. އޭގެ ތެރެއިން 3419 ފޯމުގެ ރެކޯޑު ސާފުކޮށް ނިމިފައިވާކަމަށާ، ނަމަވެސް، އެއީ، ރޭގަނޑާ އެކު މަސައްކަތްކޮށްގެންކަމަށް ޕީޖީ އިން ވިދާޅުވެއެވެ. މިއީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މިދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތަގައި އެކަނިކަމަށް އެއޮފީހުން ވަނީ ހަމަޖައްސަވާފައެވެ.

އެހެންނަމަވެސް މިފޯމުތައް ވިލަރެސްކޮށް ނިމުމުން ކުރިންވެސް ޚިދުމަތް ދެމުން ގެންދިޔަގޮތަށް ދުވަހުން ދުވަހަށް ކުށުގެ ރެކޯޑް ސާފުކޮށްދެމުން ގެންދިއުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ފެނަކައިން މިހާ ގިނަ ބައެއްގެ ކުށުގެ ރެކޯޑު ސަފުކުރަން ހުށައެޅީ އެކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ރައްކާތެރިކާ ސަލާމަތަށްކަމަށް އެކުންފުނިން ބުންޏެވެ.