ޚަބަރު

ޤައުމީ ޔުނިވާސިޓީގެ ޢަމާޒު ދުނިޔޭގެ ފެންވަރުގެ ޓީޗިންގ ރިސޯޓެއް ހިންގުމަށް


  • ރިސޯޓުތަކުގެ ހިންގުމުގެ ލެވަލްގައި ދިވެހިން މަދު

  • ޓީޗިންގ ރިސޯޓަކާއި އެކު ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ

  • އެހެން ޤައުމުތަގެ ދަރިވަރުންނަށް ޓީޗިންގ ރިސޯޓުގައި ކިޔެވުމުގެ ފުރުސަތު އޮންނާނެ

މުޅި ދުނިޔެއަށްވެސް މަޝްހޫރު ސްކޫލް އޮފް ހޮސްޕިޓަލިޓީއަށް ވެގެންދާނެ ޓީޗިން ރިސޯޓެއް ޤައުމީ ޔުނިވަރސިޓީގެ ދަށުން ހުޅުވިގެން ދިޔުމަކީ އުއްމީދެއްކަމަށް ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ.މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ. ޗާންސެލަރވަނީ ރިސޯޓުތަކުގެ ހިންގުމުގެ ލެވަލްގައި ދިވެހިން މަދުކަން ފާހަގަކުރައްވާ މި ދާއިރާއިން ދިވެހިން މެނޭޖީރިއަލް ލެވަލްތަކަށް ނުވަތަ މަތީ ފަންތީގެ ވަޒީފާތަކަށް ގެންދިޔުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޤައުމީ ޔުނިވާސިޓީން ފަތުރުވެރިކަމުގެ ދާއިރާއިން އުނގަންނައި ދިނުމުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ ޑރ.މަޙްމޫދު ޝައުޤީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ މަޝްހޫރުކަމާއި އެއްވަރަށް އެދާއިރާއިން ކިޔެވުމުގެ ފުރުސަތުވެސް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ.

އެގޮތުން މި ސްކޫލުން ދުނިޔޭގެ އެހެން ހިސާބުތަކުންވެސް އެ ސްކޫލުން ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިގެން ކުރިއަށްގެންދޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް ޗާންސެލަރ ވިދާޅުވިއެވެ.

"ތަސައްވަރު އޮންނަން ޖެހޭ ރާއްޖެ ފަދަ ޤައުމެއްގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ސްކޫލެއް ހުންނަން ވާނެއޭ، ދުނިޔޭގެ އެހެން ޤައުމުތަކުން އެ ސްކޫލަށްވަދެ، ޑިގްރީ، މާސްޓާސް ހެދުމަށް، އެޑްމިޝަން ހޯދުމަށް ވާދަވެރިވާ ސްކޫލެއް މި ޤައުމުގައި ހުންނަން ޖެހޭ،" ޑރ. ޟަހްމޫދު ޝައުޤީ ވިދާޅުވިއެވެ.

ދުނިޔެއަށްވެސް މަޝްހޫރު ސްކޫލް އޮފް ހޮސްޕިޓަލިޓީއެއް ރާއްޖޭގައި ހުޅުވުމަކީ ކުރެވިދާނެ ކަމެއްކަން ފާހަގަކުރައްވާ ޑރ.ޝައުޤީ ވިދާޅުވީ މިކަމަށް އިންވެސްޓަރުންވެސް ލިބޭނެ ކަމަށެވެ. މިއާއެކު ރާއްޖެއަށް އިޤްތިސާދީގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޑރ. ޝައުޤީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަތީ ތައުލީމަކީ އިޤްތިސާދީގޮތުން މަންފާކުރަނިވި، ރާއްޖޭގެ ޒުވާން ޖީލަށް، މުސްތަޤްބަލަށް މަގުފަހި ކުރަނިވި ސިނާއަތަކަށް ހެދުމަށްޓަކައި، ފަތުރުވެރިކަމުގެ ތަމްރީންގެ ރޮގުން ރާއްޖެ ނަމްބަރ ވަން އަށް ވުމުގެ ފުރުސަތު އެބައޮތް،" ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވިއެވެ.

ޑރ. ޝައުޤީ ވިދާޅުވީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ތަމްރީން ދޭ ޔުނިވަރސިޓީއަކަށްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، އެ އަމާޒު ހާސިލްކުރުމަށް 10ވަރަކަށް އަހަރު ނަގާނެ ކަމަށެވެ.

ޤައުމީ ޔުނިވަރސިޓީގައި މިހާރުވެސް ފަތުރުވެރިކަމުގެ ތަމްރީންތައް ހިނގުމަށް ހާއްސަ ފެކަލްޓީއެއް ހުރެއެވެ. މި ފެކަލްޓީއިން ދަނީ ފަތުރުވެރިކަމުގެ ތަފާތު އެކި ދާއިރާތަކުން ތަމްރީންތައް ހިނގަމުންނެވެ. އެގޮތުން ސެޓްފިކެޓު ލެވެލުން ފެށިގެން މާސްޓާސްއާއި ހަމައަށް އެދާއިރާގެ ގިނަ ޕްރޮގްރާމްތަކެއް ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއިން ހިންގައެވެ.