ޚަބަރު

ޑިމޮކްރެޓްސް ރައީސަކަށް ހަސަން ލަތީފް


  • ޑިމޮކްރެޓްސްގެ ރައީސްކަމަށް ހަސަން ލަތީފް އިންތިޚާބުވީ 1704 ވޯޓުން

  • ޑިމޮކްރެޓްސްގެ އަންހެން ނައިބު ރައީސަކަށް ހޮވުނީ އައިޝަތު އަލައިކާ އަދުނާން

  • ޒުވާނުންގެ ނައިބު ރައީސަކަށް ހޮވުނީ ހަސަން ފިރުޝާން

  • އަންހެނުންގެ ރައީސަކަށް ހޮވުނީ ފާތިމަތު ހަމްދާ މުހައްމަދު

  • ޒުވާނުންގެ ރައީސަކަށް ހޮވުނީ މުހައްމަދު މާޝިހް

ޑިމޮކްރެޓްސްގެ ރައީސަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް އިންތިޚާބުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން އިއްޔެ ބާއްވާފައިވާއިރު ވަގުތީ ނަތީޖާ އިޢުލާން ކުރުން އޮތީ މިރޭ އެޕާޓީގެ އިދާރާގައެވެ.

ވަގުތީ ނަތީޖާއިން ދެއްކި ގޮތުގައި ޑިމޮކްރެޓްސްގެ ރައީސްކަމަށް ހަސަން ލަތީފް އިންތިޚާބުވީ 1704 ވޯޓުންނެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގައި ރައީސް ކަމަށް ހަސަން ލަތީފްއާ ވާދަކުރެއްވި ހުސައިން އަމްރުއަށް މިއިންތިޚާބުގައި ލިބުނީ 1300 ވޯޓެވެ.

މިއިންތިޚާބުގައިވަނީ ޑިމޮކްރެޓްސްގެ އަންހެން ނައިބު ރައީސަކަށް ހޮވުނީ އައިޝަތު އަލައިކާ އަދުނާންއެވެ. އޭނާއަށް ލިބުނީ 1954 ވޯޓެވެ. އޭނާއާ ވާދަކުރި މަރިޔަމް ރިހާން ނާޒިމަށް ލިބުނީ 1006 ވޯޓެވެ.

ޒުވާނުންގެ ނައިބު ރައީސަކަށް ހޮވުނީ ހަސަން ފިރުޝާންއެވެ. އޭނާއަށް ލިބުނީ 1689 ވޯޓެވެ. މިބައިގައި 3 މީހުން ވާދަކުރި އިރު އޭނާއާ އެންމެ ގާތުން ވާދަކުރި މުހައްމަދު އަހުސަންއަށް ލިބުނީ 1061 ވޯޓު، އަދި މުހައްމަދު އަލާންއަށް ލިބުނީ 93 ވޯޓެވެ.

ވިމެންސް ޑެމްސް ނުވަތަ އަންހެނުންގެ ރައީސަކަށް ހޮވުނީ ފާތިމަތު ހަމްދާ މުހައްމަދުއެވެ. އޭނާއަށް ލިބުނީ 749 ވޯޓެވެ. އޭނާއާ ވާދަކުރި ޝިޔާމާ މުހައްމަދަށް ލިބުނީ 264 ވޯޓެވެ.

ޔަންގް ޑެމްސް ނުވަތަ ޒުވާނުންގެ ރައީސަކަށް ހޮވުނީ މުހައްމަދު މާޝިހްއެވެ. އޭނާއަށް ލިބުނީ 367 ވޯޓެވެ. އޭނާއާ ވާދަކުރި ޔޫސުފް ޝާންއަށް ލިބުނީ 324 ވޯޓެވެ.

މިއިންތިޚާބުގައި އެޕާޓީގެ 43 މަޤާމަކަށް މެންބަރުންވަނީ ހޮވާފައެވެ.

ޑިމޮކްރެޓްސްއިން މަޢުލޫމާތު ދިންގޮތުގައި އެޕާޓީގައި ޖުމްލަ 1043 މަޤާމަށް މީހުން ހޮވާއިރު މީގެ ތެރެއިން 271 މަޤާމަކަށް މީހުންވަނީ އިންތިޚާބުވެފައެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވީ ޑިމޮކްރެޓްސްއަކީ ސިޔާސީ ހުރިހާކަމެއް ތަރުތީބުވެގެން ހިނގަމުންދާ ޕާޓީއެެއްކަމަށެވެ. އެކަން ނިމިގެންދިޔަ އެތެރޭގެ އިންތިޚާބުން ވަރަށް ރަނގަޅަށް އެނގިގެންދިޔަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ޕާޓީއެއްގެ އެތެރޭގައި އެންމެ ގިނަ ބަޔަކު މަޤާމުތަކަށް ހޮވި އެންމެ ގިނަބަޔަކު ވޯޓުލީ އިންތިޚާބުކަމަށެވެ. އެގޮތުން ޕާޓީގެ 32 މަގާމަކަށް ޖުމްލަ 70 މެމްބަރުން ކުރިމަތިލިކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް އިތުރަށް ވިދާޅުވީ ޕާޓީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 5883 މީހަކަށް ލިބިފައިވާއިރު 3209 މެމްބަރުންވަނީ ވޯޓުލާފައެވެ. އެއީ 54 އިންސައްތަ މީހުންނެއެވެ.

އާޒިމް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ނުނެރެ ލަސްވިކަމަށް މީޑިއާތަކުން ބުނި ނަމަވެސް ވޯޓުގުނާ ނިމުމުން ފޮށި ކައިރީގައި ކޮންމެ ފޮއްޓެއްގެ ނަތީޖާވެސް އިޢުލާންކޮށްފައިވާ ކަމަށެވެ. ރަސްމީކޮށް ވަގުތީ ނަތީޖާ އިޢުލާންކުރުން ލަސްވީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅުނު ބޮޑު ދެ ތިން ޝަކުވާއެއް އޮތުމުން ތަޙްގީގުކޮށް ބެލުމަށްފަހު އިޢުލާންކުރަން މަޑުކުރުމުން ކަމަށެވެ.

" އަޅުގަނޑުގެ ސިޔާސީ ތަޖުރިބާއިން ގަސްތުކުރީ މިކަން ރަނގަޅަށް ކުރަން. އެހެންވީމަ އަވަސް އަރުވާލާފައި އެއްގަޑިއިރު ތެރޭ ދެ ގަޑި އިރުތެރޭ ތިން ގަޑި އިރު ތެރޭ މި އިއުލާން ކުރުމުގެ ފުރުސަތު ލިބިގެން ދިޔަ. އެހެން ނަމަވެސް އަޅުގަނޑު އެކަން ނުކުރީ އަޅުގަނޑުގެ ސިޔާސީ ތަޖުރިބާގެ އަލީގައި މިކަން ދިގު ދައްމާލައިގެން ކުރުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ވާތީވެ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި ޕާޓީގެ މެމްބަރުންނާއި އެހެނިހެން ފަރާތްތަކުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ.