ޚަބަރު

ފެނުނީ ދުވަސްފުރާ ވިހާފައިވާ ކުއްޖެއް، ބެލެވެނީ ވިހޭތާ 12 ގަޑިއިރުވަރު ވެދާނެކަމަށް!


  • ކުއްޖާ ފެނިފައިވާ ކުނި ކޮތަޅަކުން

  • ކުނިތައް ބަލާ ޗެކްކުރުމުގެތެރެއިން

  • ދުވަސްފުރާ ވިހާފައިވާ ކުއްޖެއް ކަމަށް ބެލެވޭ

ވިހެއުމަށްފަހު ކޮތަޅަކަށްލާފައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެރަށުގެ ކުނިތައް ބަލާ ޗެކްކުރުމުގެ މަސައްކަތުގެތެރެއިން ކަމަށް ދިގުރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ކޮންމެ ދުވަހެއްގައިވެސް އދ. ދިގުރަށުގެ ވޭސްޓު މެނޭޖްމަންޓު ސެންޓަރަށް ގެންދާ ކުނިތައް ނައްތާލުމުގެ މަސައްކަތްކުރަނީ ކުނިތައް ބަލައި، ކުނިތައް ވަކިކުރުމަށްފަހުއެވެ. އެގޮތުން މިއަދު ހެނދުނު އެރަށުގެ ގޭބީސީތަކުން ގެންދިޔަ ކުނިތައްވެސް ވަނީ އެގޮތަށް ބަލާ ޗެކްކޮށްފައެވެ. މިއީ ކޮންމެ ދުވަހަކުވެސް އެރަށޫގައި ކުރަމުން އަންނަ ކަމެކެވެ.

ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖެއް ފެނުނު މީހަކު ޕީއެސްއެމް ނިއުސްއާއި ވާހަަކަދައްކަމުން ބުނީ، އެއީ މީގެ ގާތްގަނޑަކަށް ބާރަ ގަޑިއިރު ކުރިން ވިހާފައިވާ ކުއްޖެއް ކަމަށެ ބެލެވޭ ކަމަށެވެ.

އަދި ބަލާ ބެލުމަށް ލަފާކުރެވެނީ އެއީ ދުވަސް ފުރާ ވިހާފައިވާ ކުއްޖެއް ކަމަށެވެ. ފުލުހުންނަށް މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރުއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެލި ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަަމަށް ފުލުހުން ހާމަކުރެއެވެ.

ތުއްތު ކުއްޖާގެ ހަށިގަނޑު މިވަގުތުވެސް އޮތީ ދިގުރަށު ސިއްހީ މަރުކަޒުގައެވެ.