ޚަބަރު

ޤައުމީ ޔުނިވާސިޓީން، ހުޅުމާލޭގައި މެޑިކަލް ކޮލެޖެއް ޤާއިމްކުރަނީ


  • މެޑިކަލް ކޮލެޖްގެ ޑިޒައިން މަސައްކަތް މިހާރު ވަނީ ނިމިފަ

  • މެޑިކަލް ކޮލެޖް ޑިޒައިން ކުރެވިފައި ވަނީ ޓީޗިން ހޮސްޕިޓަލަކާއި އެކު

  • 196 ދަރިވަރުން މެޑިސިންގ ދާއިރާއިން ތައުލީމް ހާސިލްކުރޭ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ގައުމީ ޔުނިވާރސިޓީގެ ވައިސް ޗާންސިލާރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވޭތީ، އެ ޕްރޮގްރާމަށް އޮތް ޑިމާންޑު އަންނަނީ އިތުރުވަމުންނެވެ. އަދި ނާސިންގެ ޕްރޮގްރާމްތަކަކީ އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އެއް ދާއިރާއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕަރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސިލާރ ޑރ.ޝެހެނާޒް އާދަމް ވިދާޅުވީ މެޑިކަލް ސްކޫލް މިހާރު ހިންގަމުން ދަނީ ވަރަށް ކުޑަކުޑަ ޖާގައެއްގައިކަމަށެވެ. ޤައުމީ ޔުނިވާސިޓިގެ މެޑިކަލް ސްކޫލް މިހާރު ހިންގަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 2 ފަންގިފިލާގައެވެ.

ނަމަވެސް މެޑިސިންގ ދާއިރާއަކީ ފެށުނީއްސުރެ ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ޢަދަދެއްގެ ކުދިން ޝައުގުވެރިވާ ދާއިރާއެއްކަމުން ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އޮތްކަން ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ. އެހެންކަމުން މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި ޤާއިމްކުރުމަށް މިހާރު ނިންމަވާފައިވާކަމަށް ޑރ. ޗެހެނާސް ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ ވިދާޅުވީ މެޑިކަލް ކޮލެޖެއް ހުޅުމާލޭގައި އެޅުމަށްޓަކައި މިހާރު މަސައްކަތް ފަށާފައި ވާކަމަށެވެ. އެގޮތުން އެ މެޑިކަލް ކޮލެޖު ޑިޒައިން ކުރެވިފައިވަނީ ހޮސްޕިޓަލަކާއި، އެނޫންވެސް އެދާއިރާއިން ހުނަރު ހޯދުމަށް ބޭނުންވާނެ އެހެން ވަސީލަތްތަކާއެކުކަމަށްވެސް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. މިވަގުތު ޑިޒައިންތައް ނިމިފައިވާކަމަށާއި، ހޮސްޕިޓަލް ޑިޒައިން ކުރެވިފައި ވާނީ މެޑިކަލް ސްކޫލަކާއި އެކުގައި ކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ. އަދި މިފެށޭ އަހަރު އައު މެޑިކަލް ކޮލެޖުގެ މަސައްކަތްތައް ފެށޭނެ ކަމުގައިވެސް ޝެހެނާޒް ވަނީ ވިދާޅުވެފައެވެ.

"މެޑިކަލް ސްކޫލްގެ ޑިޒައިންތަކާއި އެއްޗެހި މިހާރު ހުރީ ނިމިފަ. ޓީޗިން ހޮސްޕިޓަލަކާއި އެކު ޑިޒައިން ކޮއްފަ ވާނީ. އިރާދަކުރެއްވީޔާ އަންނަ އަހަރު ތެރޭގަ އެކަންތައްވެސް ފެށޭނެ." ޑރ.ޝެހެނާޒް ވިދާޅުވިއެވެ.

ޤައުމީ ޔުނިވާސިޓީގައި މެޑިސިންގ ނުވަތަ ޑޮކްޓަރުކަމުގެ ދާއިރާއިން 196 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ. ޑރ. ޝެހެނާޒް ވިދާޅުވީ ޔުނިވާސިޓީގެ ވިސްނުމަކީ މިހާރަށްވުރެ ގިނަ ޕްރޮގްރާމްތައް ފަށައި، އަތޮޅުތެރެއަށްވެސް އެ ޕްރޮގްރާމްތައް ފުޅަކުރެއްވުންކަމަށެވެ.