ޚަބަރު

މިއީ އެމްޑީޕީ ސަރުކާރުގެ ވައްކަމުގެ ވާހަކަދެއްކުމުން، ވެރިކަން ވެއްޓުމުން ދިން އަދަބެއް: އީވާ


  • އީވާ ރައްޔިތުންގެ މަޖިލީހުގައި 3 ދައުރުވަނީ އަދާކޮށްފައި

  • އީވާގެ ރިޔާސަތުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި

  • އީވާ އިސްތިއުފާދެއްވީ އިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނިކޮށް

  • އީވާ ވިދާޅުވީ މައްސަލައަކަށްވީ އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދެއްކުންކަމަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އެކަމަނާ ވަކިކުރަން އެމްޑީޕީން ބޭނުންވީ، އެމްޑީޕީ ސަރުކާރުންކުރަމުން ދިޔަ ވައްކަމާއި ޚިޔާނާތުގެ ވާހަކަތައް ދައްކައި، މިއަހަރުގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ އެޕާޓީގެ ވެރިކަން ބަދަލުވުމުގެ އަދަބެއްގެ ގޮތުގައިކަމަށް، އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވާ މަޖިލީހަށް ހުށައަޅަފައިވާ، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވަނިކޮށް، އެ މަޤާމުން އީވާ ވަނީ އިސްތިއުފާދެއްވާފައެވެ. އިސްތިއުފާދެއްވީ މަޤާމުން ވަކިކުރެއްވުމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަތުމަށްފަހުއެވެ. އީވާ ވަނީ އެކަމަނާގެ ދިފާއުގައި ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

އެމްޑީޕީގެ ފަރާތުން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު ޢިސްމާޢީލް އަޙުމަދުއެވެ. ޤަރާރު ހުށައަޅުއްވަމުން އިސްމާޢީލް އަހުމަދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އީވާ ޢަބްދުﷲ އިންތިޚާބު ވެވަޑައިގެންފައިވަނީ އެމްޑީޕީން ކަމަށާ، އެމްޑީޕީ މެންބަރުން ވޯޓުދީގެން މަޖިލީހަށް އިންތިހާބު ކުރެއްވީ އެޕާޓީން ވެފައިވާ ވައުދު ފުއްދުމަށްކަމަށެވެ. ނަމަވެސް އެކަމަށް އީވާ އުރަސް އެޅުއްވީކަމަށް ތުހުމަތުކުރެއްވިއެވެ. އަދި ޕާޓީން ވަކިވެވަޑައިގެން އޭރުގެ ސަރުކާރުން ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އަޅަފައިވާކަމަށް މައްސަލަ ހުށައަޅުއްވަމުން މެންބަރު އިސްމާޢީލް ތުހުމަތުކުރެއްވިއެވެ.

އީވާ މާގާމުން ދުރުކުރުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން މަސައްކަތް ފެށި ހިސާބުން އެންމެ ބޮޑަށް ތުޙުމަތު ކުރަމުން ދިޔަ އެއްކަމަކީ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ގުޅިވަޑައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމާ، މަޖިލިސް އާއިލީ ވެރިކަމެއްގައި ހިޞާރުކޮށްގެން އުޅޭކަމުގެ ތުޙުމަތުތަކެކެވެ.

މިކަމަށް ރައްދު ދެއްވަމުން އީީވާ ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގައި އޭރު ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި، ރައްޔިތުގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ދެބޭފުޅުންނަކީވެސް އެކަމަނާއާއި އާއިލީ ގޮތުން ގުޅުން އޮތް ދެބޭފުޅުންކަމަށެވެ. އާއިލީވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވިނަމަ މީގެ ތެރެއިން ދެބޭފުޅުންނަކީވެސް ދޫކޮށްލެވޭވަރުގެ ދެބޭފުޅުން ނޫންކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތަކާ، މަޖިލީހުގެ ޤަވައިދާ ދެކޮޅަށް އެއްވެސް ފަރާތެއްގެ ދިފާއުގައި ވާހަކަފުޅުނުދައްކަވާކަމަށާ، އަބަދުވެސް މަސައްކަތް ކުރެއްވީ ޤާނޫނީ ތަރަހައިގެ ތެރޭގައިކަމަށެވެ.

"އަޅުގަނޑު ދުވަހަކުވެސް ގައުމަށް ހިޔާނާތްތެރިވެފައެއް ނޯންނާނެ. އަދި އެކަން ކުރާނަމަ މަޖިލީހުގައި އެވާހަކަވެސް ދައްކަވާނަން. ކުރީގެ ސަރުކާރުން ކަންކަން ކުރަމުން ދިޔައީ އެމީހަކާ އެމީހެއްގެ އުސޫލުން ވައްކަން ކުރަމުން. އެކަންކަން ފާޅުކަން ބޮޑުގޮތެއްގައި މި މަޖިލިސް ތެރޭގައި ދައްކަން ފެށުމަކީ އަޅުގަނޑުގެ އިސްތިއުފާއަށް ގޮވާލި މައިގަނޑު އެއްސަބަބު" ޖަވާބުދާރީވަމުން އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

އީވާ ވަނީ މަޤާމުން ދުރުކުރެއްވުމުގެ މަސައްކަތަކީ ޒާތީގޮތުން ކުރެއްވި ކަމެއްގެގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން އޭރުގެ ސަރުކާރުން ކުރަމުންދިޔަ ވައްކަމާއި ޚިޔާނާތުގެ ވާހަކަތައް މަޖިލީހުގައި ދެއްކެވުމާއި، އެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތްތަކަށް ފާޅުކަން ބޮޑުގޮތެއްގައި ފާދުވިދާޅުވަމުން ގެންދެވުމަކީ އޭރުގެ ސަރުކާރުން އިސްވެ އޮވެ އެކަމަނާ މަގާމުން ދުރުކުރުމަށް މަސައްކަތް ކުރެއްވި މައިގަނޑު އެއްސަބަބުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އީވާ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އީވާ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގައި ހުންނަވައިގެން ކުރެއްވި ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުއްވާ ލައްވާފައެވެ.

އެގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ހުރިހާ މެންބަރުންނަށް ހަމަހަމަ އުސޫލުތަކެއް ކަނޑައެޅިގެން މަސައްކަތްތަކާ މަޖިލީހުގެ ވަސީލަތްތައް ހަމަހަމަ ކަމާއެކު ހުރިހާ މެންބަރުންނަށް ފޯރުކޮށްދެވުނުކަން އީވާ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑްގެ އާލާމީ ވަބާގައިވެސް ހުއްޓުމެއްނެތި މަޖިލިސް ކުރިއަށް ގެންދެވުނުކަމާއި، މުވައްޒަފުންނަށް އެންމެ ގިނައިން ތަމްރީން ދިނުމުގެ ޕްރޮގްރާމްތައް ހިންގުނު މަޖިލިސްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑްގެ އާލަމީ ވަބާއިން އަރައިގަތުމަށް މަޖިލީހުން އަދާކުރި މުހިންމު ދައުރަށްވެސް އީވާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މަޖިލީހުގެ މަސައްކަތްތައް އެނގޭނެހެން "ސައިންގ" ލޭންގުއޭޖުން މަޖިލީހުގެ ޖަލްސާތައް ގެނަސްދިނުމަކީވެސް ކުރެވުނު ކާމިޔާބު މަސައްކަތެއްކަމަށް އީވާ ވިދާޅުވިއެވެ.

އީވާ މަޤާމުން ވަކި ކުރުމަށް މަސައްކަތް ފެށީ މަޖިލީހުގެ ކުރީގެ ރައީސް މައްޗަންގޮޅި ދެނުކު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ އެކުއެކީގައެވެ.

އިވާ ވަނީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ނާގާބިލް ކަމަށް ގަބޫލު ކުރައްވާ އެއްވެސް މެމްބަރަކު މަޖިލިހުގައި ނެތް ކަމަށްވެސް ވިދާޅުވެފައެވެ.