ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންދަނާއޯއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެ ޤައުމުގެ އައްސޭރިފަށުގައިވާ ސަރަޙައްދުތަކަށް ސުނާމީއެއް އަރާފާނެ ކަމަށް ދީފައިވާ އިންޒާރު އުވާލައިފިއެވެ.
ރިކްޓަރ މިންގަޑުން 7.6ގެ ބާރުމިނުގައި އައި ބިންހެލުމުގެ ގަޑިއިރުތަކެއް ފަހުން އިތުރު ދެ ބިންހެލުން އައިސްފައިވާ ކަމަށް ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭއިން ވަނީ ބުނެފައެވެ. ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައި އޮތް ނަމަވެސް ހަވާއީގައި ހުންނަ ސުނާމީގެ އިންޒާރުދޭ އިދާރާއިން ފަހުން ވަނީ އެ އިންޒާރު އުވައިލައިފައެވެ.
ފިލިޕީންސްގެ ބިންހެލުންތަކާ ބެހޭ އިދާރާ ކަމުގައިވާ ފިލިޕީންސް ސީސްމޮލޮޖީ އޭޖެންސީ (ފިވޮލްކްސު) ވަނީ އާދީއްތަ ދުވަހުގެ ހެނދުނާ ހަމައަށް ސުނާމީގެ އިންޒާރު ދަމަހައްޓާފައެވެ. އެ އިދާރާއިން ވަނީ ޢާއްމުކޮށް ރާޅު އަރާ އުސްމިނަށްވުރެ އުސް މިނުގައި ޕިލިޕީންސްގެ އައްސޭރިފަށަށް ރާޅު އަރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ. އަދި، ރާޅު އެރުން އެތަކެއް ގަޑިއިރަކަށް ދިގުލައިގެން ދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ސުނާމީތަކާ ގުޅޭ އިންޒާރުދޭ އެމެރިކާގެ އިދާރާއިން ވެސް ވަނީ 3 މީޓަރު އުސް ރާޅުތައް ފިލިޕީންސްގެ ސަރަޙައްދުތަކަށް އަރާނެ ކަމުގެ އިންޒާރު ދީފައެވެ. ފިލިޕީންސްގެ އިތުރުން ޖަޕާނުގެ އައްސޭރިފަށުގައިވާ ސަރަޙައްދުތަކަށްވެސް 3 މީޓަރުގެ އުސް ސުނާމީގެ ރާޅުތަކެއް އަރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުންވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ފިލިޕީންސްގެ ޕޮލިސް ސާރޖެންޓް ޖޯސެޕް ލަމްބޯ ވިދާޅުވި ގޮތުގައި ބިންހެލުމަކީ ބާރުގަދަ ބިންހެލުމެކެވެ. ބިންހެލުން އައި މިންދަނާއޯ ސަރަޙައްދުގައި ތިބި ގާތްގަޑަކަށް 45000 މީހުން ރައްކާތެރި ތަންތަނަށް ދާން އަންގާފައިވާ ކަމަށްވެސް ޖޯސެފް ވިދާޅުވިއެވެ.
މިންދަނާއޯ ރޭ އައިސްފައިވާ ބިންހެލުން އައިސްފައި ވަނީ މީގެ ދެ ހަފްތާ ކުރިންވެސް އެ ސަރަހައްދަށް ބިން ހެލުމެއް އައިސްފައިވަނިކޮށެވެ. އެ ބިންހެލުމުގެ ބާރުމިން ރެކޯޑުކުރެވިފައި ވަނީ ރިކްޓަރ މިންގަޑުން 6.7 ގައެވެ. ބިންހެލުމުގެ ސަބަބުން ނުވަ މީހުން މަރުވެ، ފިލިޕީންސްގެ ޝޮޕިންގ މޯލެއްގެ ފުރާޅުވެސް ވެއްޓިފައިވެއެވެ.