ޚަބަރު

ފަތުރުވެރިކަމުގެ ރަން ވަނަ ރާއްޖެއަށް ލިބުމުގައި ބޯޓިންގ ދާއިރާގެ ހިއްސާވެސް ބޮޑު: މިނިސްޓަރ ފައިސަލް


ފަތުރުވެރިކަމުގައި ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ރާއްޖެއަށް ވިދިވިދިގެން 4 ވަނަ ފަހަރަށް ލިބުނީ ގިނަ ބައެއްގެ ބުރަ މަސައްކަތަކާއެކުކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ފައިސަލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ބޭއްވި މިއަހަރުގެ ބޯޓިންގ އެވޯޑްސް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ބޯޓިންގ އެވޯޑްސް ރަސްމިއްުޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ފައިސަލް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް، އެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތަކުންވެސް ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ރާއްޖެއަށް ވިދިވިދިގެން 4 ވަނަ ފަހަރަށް ފަތުރުވެރިކަމުގައި ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ނުވަތަ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ލިބުނީ ބޯޓިންގ ދާއިރާވެސް ހިމެނޭގޮތަށް ގިނަ ބައެއްގެ ބުރަ މަސައްކަތަކާއެކުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބޯޓިންގ އިންޑަސްޓްރީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު ދައުރެއް އަދާކުރާ ސިނާއަތެއްކަމަށެވެ. އަދި ބޯޓިންގ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެކަމުގައި ޔަގީންކަންވެސް މިނިސްޓަރ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިއަހަރުގެ ބޯޓިންގ އެވޯޑް ލިބުނު ފަރާތްތަކަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މިއަހަރުގެ ބޯޓިން އެވޯޑް 33 ގިންތިއަކުން ދީފައިވެއެވެ.

މީގެތެރޭގައި ލިވަރބޯޑްތަކާއި ސަފާރީތަކަށްދޭ އެވޯޑްގެ އިތުރުން މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްދޭ އެވޯޑްވެސް ހިމެނެއެވެ. އެގޮތުން ކެޕްޓަން، ޝެފް، ކްރޫ މެންބަރ، އިންޖީނިއަރ، ކްރޫޒް މެނޭޖަރ، އޮޕަރޭޝަން ސްޓާފް އެވޯޑް އޭގެތެރޭގައި ހިމެނެއެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުންއަންނަ އެވޯޑެކެވެ.

މިފަހަރުގެ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ބޯޓިން ޕާސަނަލިޓީ އޮފް ދަ އިޔާ އެވޯޑު ލިބިފައިވަނީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަންގެ ރައީސް އާމިރު މަންސޫރަށެވެ. އަދި މިފަހަރު ލިވަރބޯޑް ނުވަތަ ޔޮޓް ބްރޭންޑް އޮފް ދަ އިޔާ އެވޯޑު ލިބިފައިވަނީ ކާޕެންޑިއަމް މޯލްޑިވްސްއަށެވެ.

މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ސަފާރީތަކަށް ޚާއްސަކޮށް ދެވޭ އެވޯޑެކެވެ. އެވޯޑް ދިނުމުގެ މަޤްސަދަކީ އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.