ޚަބަރު

އޮކްޓޫބަރޫމަހު ކުޑަކުދިންނާއި ގުޅުންހުރި 90 މައްސަލަ ހުށަހަޅާފައިވޭ


  • އޮކްޓޫބަރ މަހު ޖުމްލަ 205 މައްސަލަ ހުށަހަޅާފައިވޭ

  • ގިނައީ ކުޑަކުދިންނާއި ގުޅޭ މައްސަލަ

  • ކުދަކުދިންނާއި ގުޅޭ 90 މައްސަލަ ހުށަހަޅާފައިވޭ

އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއަށް މިދިޔަ އޮކްޓޫބަރު އެންމެގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަކަމަށް އެވުޒާރާއިން ހާމަކުރައްވައިފިއެވެ.

އިޖުތިމާއި އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަކުރެެއްވި ގޮތުން މިދިޔަ އޮކްޓޫބަރުމަހު އެވުޒާރާއަށް ޖުމްލަ 205 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް އެކިބާވަތުގެ އަނިޔާގެ މައްސަލައެވެ. އެ ބާވަތު 90 މައްސަލައެއް އޮކްޓޫބަރުމަހުވަނީ ވަނީ ހުށަހަޅާފައެވެ.

އިޖުތިމާއި އަދި ތަރައްޤީއާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ކުޑަކުދިންގެ އަނިޔާގެ މައްސަލަތަކުގައި އޮކްޓޫބަރު މަހު އެންމެ ގިނައީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެ ގޮތުން އެ ބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުދިނަށް ޖިސްމާނީ އަނިޔާ ކުރުމުގެ 19 މައްސަލައާއި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 16 މައްސަލައާއި އިހުމާލުގެ 15 މައްސަލައެއް އޮކްޓޫބަރު މަހު ހުށަހަޅާފައިވެއެވެ. އަދި އެހެންކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 5 މައްސަލަ އާއި ނަފްސާނީ އަނިޔާގެ 4 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލައެއްވެސް އޮކްޓޫބަރު މަހު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. އެ ބާވަތުގެ 16 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 15 މައްސަލައަކާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލައާއި ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަވެސް ހުށަހަޅާފައިވެއެވެ.

އޮކްޓޫބަރުމަހު ހުށަހެޅިފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި އާއިލީ މައްސަލަތަކާއި ގުޅުންހުރި 24 މައްސަލަ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 21 މައްސަލަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހެޅި 17 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން ހުށަހެޅި 2 މައްސަލަ އަދި ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 15 މައްސަލަ ހިމެނެއެވެ.

އިޖުތިމާއި އަދި ތަރައްޤީއާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮކްޓޫބަރ މަހު ދައުލަތަށް އަލަށް 4 ކުއްޖަކު ނަގާފައިވާއިރު، 3 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 1 ކުއްޖަކު ފޮސްޓަރކުރެވިފައިވެއެވެ. މިއާއެކު އޮކްޓޫބަރ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 164 ކުދިން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.