ޚަބަރު

އެއިޑްސް ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި މައިގްރަންޓް ހެލްތު ކޭމްޕެއް


  • މިކޭމްޕް ކުރިއަށްދާނީ 2 ޑިސެމްބަރުގެ ނިއަލަށް

  • މިކޭމްގައި ބިދޭސީންނަށް ކައުންސިލިންގް ދިނުމުގެ އިތުރުން ތަފާތު ޓެސްޓްތައް ހެދޭނެ

  • އެއިޑްސް ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައިވަނީ އެމްއާރް ވެކްސިން ކެމްޕެއިން އިފްތިތާހްކޮށްފައި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި "މައިގްރެންޓް ހެލްތު ކޭމްޕް" އިފްތިތާހުކޮށްފިއެވެ. މިކޭމްޕް އިފްތިތާހް ކުރީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައެވެ. މިކޭމްޕް އިފްތިތާހްކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމްއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ "މައިގްރެންޓް ހެލްތު ކޭމްޕް"އަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއާއި މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އަދި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން، ޝީ ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

ޑިސެމްބަރު އެކަކުން 2އަށް ކުރިއަށް ގެންދާ މިކޭމްގައި ބިދޭސީންނަށް ކައުންސިލިންގް ދިނުމުގެ އިތުރުން އެޗް.އައި.ވީ، ހެޕަޓައިޓިސް ބީ،ސީ، ސިފިލިސް، އަދި ފިލާރިއާ ޓެސްޓުކޮށްދެއެވެ. މީގެއިތުރުން ހިލޭ ޑޮކްޓަރަށް ދެއްކުމާއި، ބޭސްނެގުމާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް މިކޭމްޕްގެ ތެރޭގައި ކުރިއަށްދެއެވެ.

މިކޭމްޕް އިފްތިތާހްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޤާސިމް ވަނީ އެއިޑްސްގެ އަލާމާތްތަކަށް އަލިއަޅުއްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި އެއިޑްސްއަށް ޓެސްޓުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. ސްޓޭޓް މިނިސްޓަރ އަހުމަދު ޤާސިމް ވާހަކަފުޅުގައިވަނީ އޭޝިޔާގެ އެހެން ގައުމުތަކާއި އަޅާބަލާއިރު، ރާއްޖޭގައި މިފަދަ ސިއްހީ މައްސަލަތައް މަދުކަން ފާހަގަކުރެއްވިއެވެ.

"އަޅުގަންޑުމެންގެ ރާއްޖެއަކީ ތެދު ދަންނަވާ ކަމަށްވަންޏާ، އޭޝިޔާގެ އެހެން ގައުމުތަކާ އަޅާބަލާއިރު މިބާވަތުގެ ކަންތައްތައް ހަމަ ބޮޑަށްވެސް ރަނގަޅު ގައުމެކޭ ދެންނެވިދާނެ. އެއީ ވެކްސިން ކަވަރޭޖްގެ މިންގަނޑަށް ބަލާއިރުވެސް އޭޝިޔާގެ ގައުމުތަކަށްވުރެ އަޅުގަނޑުމެން މި ރާއްޖެ ރަނގަޅު. ނަމަވެސް، މިރާއްޖޭގަ އުޅެނީ އަޅުގަނޑުމެން އެކަންޏެއް ނޫން. އަޅުގަނޑުމެންގެ އާބާދީ އާއި ދާދި އެއްވަރުގެ ބިދޭސީ އާބާދީއެއް އަޅުގަނޑުމެންގެ ތެރޭ އެބައުޅޭ." އަހުމަދު ޤާސިމް ވިދާޅުވިއެވެ.

ކަންމިހެން އޮތުމުން އެންމެންގެ ރައްކާތެރިކަމަށްޓަކައި، މައިގްރެންޓް ހެލްތު ކޭމްޕް ފަދަ ވަސީލަތެއްގެ މުހިންމުކަން އަހުމަދު ޤާސިމް ފާހަގަކުރެއްވިއެވެ.

އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެންވަނީ މީސްލްސް އެންޑް ރުބެއްލާ ވެކްސިން ކެމްޕެއިން 2023ވެސް އިފްތިތާހް ކުރައްވާފައެވެ.

އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ އަބްދުލް ހަމީދު ވިދާޅުވީ އެއިޑްސް ދުވަހާ ގުޅިގެން ބާއްވަމުންދާ ހުރިހާ ހަރަކާތްތަކަކީ، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބަލިތަކާބެހޭ މައުލޫމާތު ލިބިގެންދާ ގޮތަށް ރޭވިފައިވާ ހަރަކާތްތަކެއްކަމަށެވެ. އަދި މިއަހަރުގެ އެއިޑްސް ދުވަހުގެ ޝިޢާރު ކަމަށްވާ " ލެޓް ކޮމިއުނިޓީސް ލީޑް" އާ އެއްގޮތަށް އެޗްއައިވީ/އެއިޑްސް ފަދަ ނުރައްކާތެރި ބަލިތަކަށް މީހުން ހޭލުންތެރި ކުރުމަށް މުޖްތަމައުގެ އެއްބާރުލުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 31 ޑިސެމްބަރު 2022ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ. މީގެތެރެއިން 15 މީހުން ދުނިޔެ ދޫކޮށްފައިވާއިރު މިވަގުތު 22 މީހުން އަންނަނީ ބައްޔަށް ފަރުވާހޯދަމުންނެވެ.

އެޗް.އައި.ވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެވެ. 2004ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ.

އެއިޑްސް ދުވަސް ފާހަގަ ކުރަމުން އަންނައިރު މިބައްޔަށް ޓެސްޓްކޮށް ބަލިނެއްކަން ޔަޤީންކުރުމަށް އެޗްޕީއޭއިން އަންނަނީ ބާރުއަޅުއްވަމުންނެވެ. އެޗްޕީއޭއިން ވިދާޅުވީ މިޓެސްޓުތަކުގެ ނަތީޖާއަކީ ފޮރުވިގެންވާ އެއްޗެއްކަމަށާއި، ކާކުކަން ނޭނގޭ ގޮތަށްވެސް މިޓެސްޓު ހެދޭނެކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ މާބަނޑު މީހާ ބަލިވެ އިންނަތާ ލަސްވެގެން 3 މަސް ވުމުގެ ކުރިން ޓެސްޓުކުރުން މުހިންމުކަމަށެވެ. މިކަމުގެ ސަބަބުން މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ ވާސިލްވުން ހުއްޓުވޭނެ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.