ޚަބަރު

ރައީސްގެ އަމާޒު، އިއާދަކުރަނި ހަކަތައިގެ ނިޒާމް ފުޅާކޮށް، 5 މިލިއަން ގަސް އިންދުން


  • ރައީސް ވިދާޅުވީ އަމާޒަކީ %33 އިޢާދަކުރަނިވި ހަކަތައިގެ ނިޒާމަށް ބަދަލުކުރުން ކަމަށް

  • މިކަން ހާސިލްކުރުމަށް ކަނޑައަޅާފައިވަނީ 5 އަހަރު ދުވަސް

  • މިކަމަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރައީސް ވިދާޅުވި

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔޫއޭއީގައި މިހާރު ކުރިއަށްދާ ކޮޕް 28ގައި ތަގްރީރުކުރައްވަމުންނެވެ.

ކޮޕް-28ގައި ތަޤްރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިހާރު އިއާދަކުރަނި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރަކީ 4 އިންސައްތަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިލަނޑުދަނޑި ޙާޞިލްކުރުމަށްޓަކައި 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭ ކަމަށާއި މިކަމުގައި ދުނިޔޭގެ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

" ތިމާވެށްޓާއި ރަޙްމަތްތެރި ޓެކްނޮލޮޖީއާ އިޢާދަކުރަނިވި ހަކަތައަށް ރުޖޫޢަވުން މިހާރަށްވުރެ އިތުރުކޮށް ހަލުވިކުރުމަށް މަނިކުފާނު ކުރެއްވި އިލްތިމާސަށް އިޖާބަދީ، އަޅުގަނޑުގެ ސަރުކާރުން މި އަމާޒު ހިފަނީ، ރާއްޖެގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ ފުއްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޤާއިމުކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުދި ޖަޒީރާ ރަށްތަކަކީ، ވިލުންތެރި، ސާފު ފެހި މާޙައުލަކަށް ހެދުމަށް އިސްކަން ދެއްވާ ކަމަށެވެ. މިގޮތުން، މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢެއް ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ތިމާވެށި ހިމާޔަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގައި އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުން އެދެވޭ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަން ކަށަވަރުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ބައްޕައެއްގެ ޙައިޘިއްޔަތުން ދަރީންނަށްޓަކައި އަޅުގަނޑު އުފުލަންޖެހޭ ޒިންމާތަކެއްވޭ، އެ ކުދީންގެ މުސްތަޤްބަލަށްޓަކައި. ވެރިއެއްގެ ޙައިޘިއްޔަތުން ރައްޔިތުންނަށްޓަކައި އަޅުގަނޑު އުފުލަން ޖެހޭ ޒިންމާތަކެއްވޭ. އަދި ދުނިޔޭގެ އެއް ފަރުދެއްގެ ޙައިޘިއްޔަތުން މި ބިމަށްޓަކައިވެސް އަޅުގަނޑު އުފުލަން ޖެހޭ ޒިންމާތަކެއްވޭ. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެ ޒިންމާ އެބައޮތް." ރައީސް ވިދާޅުވިއެވެ.

ކޮޕް28 މިމަހުގެ 12ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ސަމިޓްގައި 160 ގައުމެއްގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮޕް ސަމިޓް އަކީ ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެއް އެކަންކަން ހައްލު ކުރުމަށާ، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާ ފަންނީ ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ދުނިޔޭގެ މޫސުމާ ބެހޭ އެންމެބޮޑު އެއްބަދަލުވުމެވެ.