ޚަބަރު

ރާއްޖޭގައި އެއިޑްސް ބައްޔަށް ފަރުވާ ހޯދާ 22 މީހުން


  • ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު

  • މިހާތަނަށް 40 މީހަކަށް މި ބަލި ޖެހިފައިވޭ

  • މީގެތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވޭ

ރާއްޖޭގައި މިވަގުތު އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހުން އެބަތިބިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން އެޗްޕީއޭއިން ހިއްސާކުރި މައުލޫމާތުތަކުގައިވާގޮތުން 31 ޑިސެމްބަރު 2022 ގެ ނިޔަލަށް މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ. މީގެތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަމަށް އެ އެޖެންސީން ހާމަކުރެއެވެ.

ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. އެޗް.އައި.ވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ. އަދި އެޗް.އައި.ވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާވެސް ރާއްޖެގައި ލިބެން ހުރެއެވެ.

މިއަހަރުގެ އަހަރުގެ އެއިޑްސް ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ލެޓް ކޮމިއުނިޓީސް ލީޑު، މި ޝިއާރެވެ. މި ޝިޢާރުގެ މަގްސަދަކީ އެއިޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިންރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުމެވެ.

މި ޝިއާރުގެ ދަށުން މިއަހަރު ދުނިޔޭގޭ އެއިޑްސް ދުވަހާގުޅުވައިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ސިޓީ ކައުންސިލް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، މިޝަން ފޯރ މައިގްރަންޓްސް މޯލްޑިވްސް، ވައިބް ޔޫތު އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން އެކި އެކި ޙަރަކާތްތައް ހދ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގެ ގޮތުން ކުޑަ ރާއްޖޭގެ މުޖުތަމަޢުގައިވެސް އެއިޑްސް ބައްޔަށް މަގުފަހިވާ ނޭދެވޭ އެތައް އާދަތަކެއް ހަރުލާފައިވުމުގެ ކަންބޮޑުވުން ސިއްޙީ ދާއިރާއިން ފާހަގަކުރެއެވެ. ފުރާނައަށް ނުރައްކާވެދާ މިބަލިން ސަލާމަތްވުމަށް ރައްކާތެރިކަމަށް ސަމާލުވުމާއެކު ޓެސްޓުކުރުމަށް ސިއްޙީ މާހިރުން އިރުޝާދުދެއެވެ.

ބަލި ފެތުރޭ ގޮތްތަކަށް ބަލާއިރު، ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ނުވަތަ ކަށި ބޭނުންކޮށްގެން މަސްތުވާ ތަކެތި ބޭނުންކުރާއިރު، އެކަކު ބޭނުންކޮށްފައި ހުންނަ ކަށި ފަދަ ތަކެތި އަނެކަކު ބޭނުންކުރުމުން އެޗް.އައި.ވީ ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ސިއްހީ ފަރާތްތަކުން ހާމަކުރެއެވެ. އަދި މީގެއިތުރުން އެޗް.އައި.ވީ ޖެހިފައިވާ މަންމަގެ ފަރާތުން، މާބަނޑު ދުވަސްވަރުއާއި ވިހެއުމުގެ ތެރޭގައި ނުވަތަ ގާތުން ކިރުދިނުމުން ދަރިފުޅަށް އެޗްއައިވީ ޖެހިދާނެއެވެ. އަދި އެޗް.އައި.ވީ ޖެހިފައިވާ މީހެއްގެ ލޭ ގަޔަށް އެޅުމުންވެސް މި ބަލި ޖެހިދާނެއެވެ.