ޚަބަރު

އެއަރ އެމްބިއުލަންސާއި، ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ޚިދުމަތް އަހަރުގެ އެންމެ ކުރީކޮޅު ފަށަނީ


  • އަންނަ އަހަރު ސިއްޙީ ދާއިރާއިން ބަދަލުތަކެއް ފެންނާނެ

  • އެއީ އެއަރ އެންބިއުލާންސްގެ ޚިދުމަތް ފަށާނެ

  • ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލަން ފަށާނެ

  • އެންމެ ބޮޑު ފަސޭހައެއްވާނީ ކުދި ރަށްރަށް ނޫނީ ދުރު ރަށްރަށް

ރާއްޖޭގެ ޞިއްޙީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން އެއަރ އެންބިއުލާންސްގެ ޚިދުމަތާއި ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ޚިދުމަތް، މިފެށޭ އަހަރުގެ އެންމެ ކުރީކޮޅު ފަށްޓަވާނެކަމަށް ޞިއްހަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޞިއްހަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުއްނަށް ލުއިފަސޭހަ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް އެއަރ އެންބިއުލާންސްގެ ޚިދުމަތްތައް ފެށުމަކީވެސް އެމަނިކުފާނު ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރަން ނިންމާފައިވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ އެއަރ އެންބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި ޓެކްނިކަލް ގޮތުން ކުރަންޖެހޭ ކަންކަމާއި، އެކަމާގުޅުން ހުރި ފަރާތްތަކާއެކު މިހާރު މަޝްވަރާ ކުރެވެމުންދާކަމަށެވެ. އެގޮތުން މިހާރު ޕްރޮޕޯސަލްތައް ތައްޔާރު ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އޭގައިވެސް އެއްކަމަކަށް ޓެކްނިކަލް އެކްޕެޓީސް އެބަ ހޯދަން. އޭގެ އިތުރުން ސްޓޭކް ހޯލްޑަރުންނާއި އެކުވެސް މިހާރު މަޝްވަރާ ބައްދަލުވުންތައް މިހާރު ވަނީ ފެށިފައި. އަޅުގަނޑު މިހާރު މި ދަނީ ޕްރޮޕޯސަލްތައް ތައްޔާރު ކުރަމުން. ކޮންކަހަލަ ސްޕެސިފިކެއްތޯ އެއަރ ކްރާފްޓެއްގައި ހުންނަންވާނީ. ކޮންކަހަލަ ޚިދުމަތްތަކެއްތޯ ހުންނަން ވަނީ. ކިހާ ވަރަކަށް އުދުހެވޭ އެއަރ ކްރާފްޓެއްތޯ މި އެއަރ ކްރަފްޓަކީ. އަޅުގަނޑުމެން ހޯދާނީ ހެލިކޮޕްޓަރެއްތޯ ނުވަތަ މަތިންދާ ބޯޓެއްތޯ. މިހާރު ވެސް އަޅުގަނޑުމެން މަސައްކަތް ފަށައިން" ޞިއްހަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅު ވަނީ މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައި، ރައްޔިތުންނަށް ލުއިފަސޭހަ ޞިއްހީ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. ވަޒީރު ވިދާޅުވީ އެއަރ އެންބިއުލާސްގެ ޚިދުމަތާއެކު ބަލިމީހުން އުފުލުމަށް ކުރަމުން ދިޔަ ބޮޑެތި ޚަރަދުތައް ބޮޑުތަކުން ކުޑަވެގެން ދާނެކަމަށެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު ބޭސް ފޯރުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭސް އުފުލުމުގެ ޚިދުމަތްވެސް އަންނަ އަހަރުގެ އެންމެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

"އެހެންވީމައި ވަރަށް ކައިރި މުސްތަޤްބަލެއްގައި އަޅުގަނޑުމެއްނަށް ޑްރޯންގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ. ބޭސް އުފުލުމަށްޓަކައި. ހަމައެކަނި ބޭސް އޭގައި އުފުލާނީ. ފުރަތަމަ އަޅުގަނޑުމެން މި ފަށަނީ ވަރަށް ކުޑަކޮށް. އަޅުގަނޑުމެންނަށް އޭގެ ބައެއް ސާމްޕަލްތައްވެސް ލިބިފައި އެބަހުރި. ތަންކޮޅެއް ކުޑަކޮން އަޅުގަނޑުމެން މި ފަށަނީ. އެހެންވީމައި މާ ލަސްތަކެއްނުވެ އެ ޚިދުމަތް ފެށިގެން ދާނެ. ޓްރައިލެއްގެ ގޮތުގައި އަޅުގަނޑުމެން މި ފަށަނީ ފުރަތަމަ" ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.


ވަޒީރު ވިދާޅުވީ މި ޚިދުމަތް ފެށި އޭގެ ރައްކާތެރިކަމާއި އެކަމަށް އޮންނަ ޑިމާންޑަށް ބެލުމަށް ފަހު އެ ޚިދުމަތްތައް އިތުރަށް ފުޅާކުރައްވާނެކަމަށެވެ.

އަންނަ އަހަރު ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތާއި، ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ޚިދުމަތަކީ އަންނަ އަހަރު އެންމެ އިސްކަންދެއްވާނެ ދެ ޚިދުމަތްކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.