ކުޅިވަރު

ބައްސާމާ ދެކޮޅަށް ދައުވާކުރެވޭ ވަރުގެ ހެކި އެބަހުރި: ޕީޖީ


ނަހަމަގޮތުގައި ފައިސާ ގެންގުޅޭ މައްސަލައިގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ޝަމީމު ވިދާޅުވީ އެފްއޭއެމަށް ދުނިޔޭގެ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ އިދާރާގެ ރައީސް ބައްސާމަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށެވެ. އެ ތުހުމަތުތަކާއެކު މިހާތަނަށް ޕީޖީ އޮފީހަށް ގިނަ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށާއި، މަސައްކަތްކުރަނީ އެފްއޭމުގެ ރައީސް ބައްސާމާއި އެ ޖަމުއިއްޔާގެ އެހެން ވެރިންނަށް ދައުވާކުރެވޭ މިންވަރަށް ހެކި ހޯދުމަށްފަހު މި ހަފުތާގައި ދައުވާކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިހާތަނަށް ގިނަ ގޮތްގޮތުން މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން ލިބޭ މައުލޫމާތުވެސް ޕީޖީ ޝަމީމް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ތަހުގީގަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ބޭރުގެ އިދާރާތަކުން ފޮނުވާ ފައިސާއާ މެދު އަމަލުކުރާނެ އުސޫލުތަކެއް ރާއްޖޭގައި ހުންނަ ކަމަށާއި، އެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާކަމަށް ތުހުމަތު ކުރެވެނީ އެފްއޭއެމް ހިންގަވަން ތިއްބެވި ވެރިންނަށް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ފައިސާ އެކިގޮތްގޮތަށް ބޭނުންކޮށްފައި ހުންނަތަން ފެންނަ ކަމަށާއި، އެފްއޭއެމުގެ ބައެއް ވެރިން ބޭރަށް ކުރާ ދަތުރުތަކުގައި ފައިސާ ޚަރަދުކޮށްފައި ހުންނަ ގޮތް ފެންނަން ހުންނަ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ޝަމީމް ވަނީ ތަފްސީލު ހޯދާ ބެލުމުގައި ވަގުތު ނަގަނީ އެފްއޭއެމުގެ ބައެއް ލިޔުންތައް ބަލަހައްޓާފައި ހުރީ އާންމު ގޮތެއްގައި އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫންކަމަށް ވާތީ ކަމަށް ވިދާޅުވެފައެވެ.

މިއީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނާ ދެކޮޅަށް މިހާތަނަށް ކުރާ އެންމެ ބޮޑު ޚިޔާނާތުގެ ތުހުމަތެވެ. މި ތުހުމަތުތަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ ހެކި ހޯދުމަށް އެފްއޭއެމުގެ އިދާރާއަށް ވަދެ ފާސްކޮށްފައެވެ.