ދުނިޔެ

ލީބިޔާގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ ވެރިން ޓްރިޕޮލީގައި


ތިލަފުށީގައ އދ. ގެ ބެލުމުގެ ދަށުން އެކުލަވާލި ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ އިސްވެރިން ވެރިރަށް ޓްރީޕޮލީއަށް ވަޑައިގެން ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވައިފިއެވެ. ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ފާއިޒް އައްސިރާޖް ވިދާޅުވީ އެގައުމުގެ ވާދަވެރި ޖަމާއަތްތަކުގެ މެދުގައި ބަދަލުކުރަމުން ގެންދާ ޙަމަލާތައް ހުއްޓާލުމުގެ މަސައްކަތް އޭނާގެ ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.

އދ. ގެ ބެލުމުގެ ދަށުން ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރު އެކުލަވާލާފައިވަނީ މަޣްރިބްގައި ކުރިޔަށްދިޔަ ލީބިޔާގެ ސުލްހައިގެ ވާހަކަތަކުން ހާސިލްކުރެވުނު ނަތީޖާތަކުގެ އަލީގައި ގައުމުން ބޭރުގައެވެ. މިސަރުކާރު އެކުލަވާލުމުގެ ބޭނުމަކީ ލީބިޔާގައި އޮތް ވާދަވެރި ދެސަރުކާރުގެ ތަޅާފޮޅުންތަކުގެ ސަބަބުން މުޅި ލީބިޔާ ހަލާކުގެ ތެރެއަށް ވެއްޓި މިޙާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން އެގައުމުގެ ބައެއް ސިޓީތަކަށާއި ވިލެޖްތަކަށް އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ވެރިވެގަތުމާ ގުޅިގެނެވެ. 

ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑުވަޒީރު ފާއިޒް އައްސިރާޖް އާއި އޭނާގެ ކެބިނެޓް މެންބަރުން ވެރިރަށް ތަރާބްލްސްއަށް ވަޑައިގެންނެވީ ލީބިޔާގެ ހަނގުރާމަވެރި ބައެއް ޖަމާއަތްތަކުގެ އެހީތެރިކަމާއެކު ލީބިޔާގެ ކަނޑުގެ ސިފައިން މަނަވަރެއްގައި ތޫނިސްގެ ސަފާގިސް އިން ފުރައިގެނެވެ. ތަރާބްލްސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ފާއިޒް އައްސިރާޖް ވިދާޅުވީ އޭނާގެ ސަރުކާރުން މަސައްކަތްކުރަނީ ލީބިޔާގެ ހުރިހާ ރައްޔިތުންނާއި ވާދަވެރި ފަރާތްތައްވެސް ބައިވެރިވާ ދައުލަތެއް އުފެއްދުމަށްކަމަށެވެ. މިގޮތުން ލީބިޔާގައި ގާނޫނީ މުއައްސަސާތަކެއް އުފައްދައި ލޭއޮހޮރުވުންތައް ނިމުމަކަށް ގެނެސް ލީބިޔާގެ ހުރިހާ ފަރާތްތަކެއް ގުޅިގެން އައިއެސް ޖަމާއަތުގެ ނުރައްކަލާ ކުރިލާންޖެހޭކަމަށާ ނޫނީ ލީބިޔާގެ ދައުލަތް ގެއްލި ރައްޔިތުން ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

"މާތް ﷲ ގެ ވާގިފުޅާއެކު އަދި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާއެކު އަހަރެމެން މަސައްކަތްކުރާނީ ލީބިޔާގެ ހުރިހާ ރައްޔިތުން ޝާމިލްވާގޮތަށް، ގާނޫނުތަކާއި މުއައްސަސާތަކުގެ މައްޗަށް ބިނާވާ ދައުލަތެއް އުފެއްދުމަށް، ހަމަލާތައް ހުއްޓާލުމަށާއި ލީބިޔާގެ ކަންކޮޅުތަކުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނައުމަށް އަހަރެމެން މަސައްކަތްކުރާނަން، އަދި އައި.އެސް ޖަމާއަތުގެ ނުރައްކަލާ ކުރިމަތިލުމަށްޓަކައި ލީބިޔާގެ ހުރިހާ ފަރާތްތަކެއް އެއްބައިވަންތަކޮށް އެކަތިގަނޑަކަށް ހެދުމަށް އަހަރެމެން މަސައްކަތްކުރާނަން." ފާއިޒް ވިދާޅުވިއެވެ. 

ލީބިޔާގައި އޮތް ކުރީގެ ވާދަވެރި ދެ ސަރުކާރުގެ ތެރެއިން ތަރާބްލްސްގައި ހަރަކާތްތެރިވާ ނެޝަނަލް ސަލްވޭޝަން ސަރުކާރުންވަނީ އދ. ގެ ބެލުމުގެ ދަށުން އެކުލަވާލި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއްކަމަށް ސިފަކޮށް ތަރާބްލްސްއިން ބޭރުވުމަށް އެސަރުކާރުގެ ވެރިންނަށް އިންޒާރު ދީފައެވެ. ނެޝަނަލް ސަލްވޭޝަން ސަރުކާރުގެ ވެރިޔާ ޚަލީފާ އަލްޣުވޭލް ވިދާޅުވީ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަކީ ލީބިޔާގެ މިނިވަންކަމާއި ސިޔާދަތު ނަގާލައި އދ. ގެ ހިމާޔަތުގެ ދަށަށް ލީބިޔާ ގެންދިޔުމަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ. އަދި އެސަރުކާރުގެ މަސްއޫލުވެރިން ހައްޔަރުކޮށް ގައުމަށް ޚިޔާނާތްތެރިވިކަމުގެ ދައުވާ އެބޭފުޅުންގެ މައްޗަށް އުފުލާނެކަމަށްވެސް ތަރާބްލްސްގައި ހަރަކާތްތެރިވާ ނެޝަނަލް ސަލްވޭޝަން ސަރުކާރުގެ ވެރިޔާ ޚަލީފާ އަލްޣުވޭލް ވިދާޅުވިއެވެ. 

ނެޝަނަލް ސަލްވޭޝަން ސަރުކާރުގެ ބަސްމަގު މިގޮތަށް ހުރިނަމަވެސް ލީބިޔާގައި އޮތް ކުރީގެ ވާދަވެރި ދެ ސަރުކާރުގެ ތެރެއިން އެގައުމުގެ އިރުމަތީ ރަށެއްކަމަށްވާ ތުބްރުގްގައި ހަރަކާތްތެރިވާ ސަރުކާރުންވަނީ އދ. ގެ ބެލުމުގެ ދަށުން އެކުލަވާލި ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.