ޚަބަރު

ރައީސް ވިދާޅުވިގޮތަށް، ހިޔާގެ ފިނިޝިންއަށް ހޭދަކުރި ފައިސާ ލިބޭނެ: ފަޒުލް


  • ހިޔާ ފްލެޓްތައް ހަވާލުކުރީ ފިނިޝިން މަސައްކަތްތައް ނުނިންމާ

  • ރައްޔިތުންނަށް ފްލެޓަށް ބަދެވުނީ އެކަމަށް ބޮދެތި ހޭދަތައްކޮށްގެން

  • ރައީސް ވިދާޅުވީ ހޭދަކުރި އަދަދުގެ އެވަރެޖް ބަދަލެއް ދެއްވާނެކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާގޮތަށް، ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ޚަރަދުކުރި ފައިސާގެ ބަދަލު ލިބޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރގެ މަޤާމަށް ފަޒުލް ހަމަޖެއްސެވީ އިއްޔެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި، ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2018ވަނަ އަހަރު ސަރުކާރު ބަދަލުވި އިރު އޮތީ، ހިޔާގެ ފިނިޝިން މަސައްކަތަށް ބޭނުންވާ ލޯނު ހަމަޖައްސާފައިކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ފްލެޓްތައް ހަވާލުކުރީ ފިނިޝިން މަސައްކަތްތައް ނުނިންމާ، އެކަމުގައި ކަން ކުރާނެ ގޮތެއްވެސް ނުދައްކާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެހެންކަމުން ފްލެޓް ނިންމުމަށް ކުރި މަސައްކަތްތަކަށް ހޭދަވި ޚަރަދުތައް ބަލާ، އެވަރެޖް އަގެއްގެ ބަދަލެއް ދެއްވާނެކަމަށް ރައިސް ވަޢުދުވެވަޑައިގެންފައިވެއެވެ.

ނަމަވެސް ބައެއް މީޑިއާގައި އެ ފައިސާ ނުދޭން ސަރުކާރުން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެޗްޑީސީގެ އައު މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް، އެ ފައިސާ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ލިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި މިއާއި ދެކޮޅަށް ފަތުރަމުންދާ ވާހަކަތަކަކީ ޙަޤީގަތާއި ޚިލާފު ޚަބަރުތަކެއްކަމަށްވެސް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ބަދަލުގެ ގޮތުގައި ދޭނެ ވަކި ޢަދަދެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މަސައްކަތްތައް ނުނިންމާ ފްލެޓް ހަވާލުކުރުމުގެ ސަބަބުން ރައްޔިތުނަށް ކުރިމަތިވި މާލީ ދަތިތަކާއި ތަކުލީފަށް ބަދަލެއް ދެއްވާނެކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ޚަރަދުކުރި ފައިސާގެ ބަދަލު ދޭނެ ގޮތް ސާފުކުރުމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު މަޖިލީހަށް ޙާޒިރުކުރުމަށް ވަނީ ހުށައަޅުއްވާފައެވެ. ވަޒީރާ ސުވާލުކުރުމަށް މަޖިލީހަށް ހުށައަޅުއްވާފައިވަނީ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާ، ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މީގެއިތުރުން ހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. އެކަމާގުޅޭ މަސައްކަތް ފެށުމަށް "ހަފްތާ14"ގައިވެސް ވަނީ ހިމަނުއްވާފައެވެ. ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނުއްވާފައެވެ.

މިދިޔަ ސަރުކާރުގެ ދަޢުރު ނިމެން ކައިރިވެފައި އޮއްވާ ހިޔާގެ ކުލި ކުޑަކޮށްފައިވެއެވެ. މަހުންމަހަށް ދައްކަންޖެހޭ ޢަދަދު މަދުކުރީ، ފައިސާ ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުކުރުމަށްފަހުގައެވެ. ހިޔާ ފްލެޓުގެ ކުލި ކުޑަކުރިބައި ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި 117 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.