ޚަބަރު

ސިފައިންނާއި ފުލުހުންގެ ޤާނޫނަށް އިޞްލާޙެއް ހުށައަޅުއްވައިފި


ފުލުހުންނާއި ސިފައިންގެ ތެރެއިން ޝަރުފުވެރިކަމާއެކު ވަޒީފާއިން ވަކިވާ މީހުން، ސިޔާސީ މަޤާމަކަށް އިންތިޚާބުވުމުން، އެމީހަކަށް ލިބިދޭ އިމްތިޔާޒްތަކާއި، ޢިނާޔަތްތައް ނުދޭގޮތަށް ސިފައިންނާއި ފުލުހުންގެ ޤާނޫނަށް އިޞްލާޙެއް ހުށައަޅުއްވައިފިއެވެ.

މި ދެ އިޞްލާޙު ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދެވެ. ސިފައިންގެ ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ، ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވާ މީހުންނަށް އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒު ދިނުމުގެ އިޚްތިޔާރު ޑިފެންސް މިނިސްޓަރަށް ލިބިގެންވާކަމަށެވެ. ނަމަވެސް އެފަދަ މީހަކު، ރައްޔިތުން އިންތިޚާބުކުރާ ސިޔާސީ މަޤާމެއް އަދާކުރަން ފަށާ ހިސާބުން، އެ މުއްދަތުގައި އެ މީހަކަށް އެ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ނުލިބޭނެ ކަމަށް ލަތީފް ހުށައެޅުއްވި އިޞްލާޙުގައިވެއެވެ.

ފުލުހުންގެ ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ، ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވެފައިވާ މީހަކު، ރައްޔިތުން އިންތިޚާބުކުރާ ސިޔާސީ މަޤާމެއް އަދާކުރަން ފަށާ ހިސާބުން ފެށިގެން، އެ މުއްދަތުގައި އެ މީހަކަށް އެ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ނުލިބޭނެކަމަށެވެ. މި އިޞްލާޙު ހުށައެޅުއްވުމުގެ މަޤްޞަދަކީ، ސިފައިންނާއި ފުލުހުންގެ ތެރެއިން ރިޓަޔަރކުރާ މީހުން، ސިޔާސީ މަޤާމަކަށް އިންތިޚާބު ވިޔަސް، އެ ދެ ޤާނޫނުގައިވާ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބެމުންދިއުމުން އެ މީހަކަށް ދައުލަތުގެ ބަޖެޓުން ޑަބަލްކޮށް ފައިސާ ލިބެމުންދާތީ ކަމަށް ބުނެފައިވެއެވެ. ޑަބަލްކޮށް ފައިސާ ލިބެމުންދާކަމަށް މާނަކޮށްފައިވަނީ، ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުން ލިބޭ ފައިސާގެ އިތުރުން އަދާކުރާ މަޤާމުގެ މުސާރައެވެ.

މި ދެއިޞްލާޙު މަޖިލީހަށް ހުށައަޅުއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި މި ޢިނާޔަތްތައް ލިބިވަޑައިގަންނަވާ ބައެއް މެމްބަރުން ތިއްބަވައެވެ. އެއީ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް ދީދީއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ފަސްޓް ލެފްޓިނެންޓް ރިޓަޔަޑް ޢަބްދުލް ޣަފޫރު މޫސާއެވެ. އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ކިނބިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒެވެ. މި ދެޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ އިއްވަވާފައެވެ.