ޚަބަރު

ގޯއްޗާއި ފްލެޓު ހަވާލުކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް


  • ސަރުކާރުން ގެންގުޅޭ ރަނގަޅު ސިޔާސަތު ހާމަކުރުމަށް ގޮވާލާފައިވޭ

  • ފްލެޓު ލިސްޓު މުރާޖާ ކުރަންޖެހޭ ކަމަށް ވިދާޅުވި

  • ފްލެޓު ދީފައިވާ ގޮތަށް އެމްޑީޕީގެ ބައެއް މެންބަރުންވެސް ކަންބޮޑުވުން ފާޅުކުރެއްވި

މިދިއަ ސަރުކާރުން ގޯއްޗާއި ފްލެޓު ލިބިފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފިއެވެ. މި މައްސަލަ ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމެވެ. މި ކުއްލި މައްސަލަ ކުރިއަށް ގެންދިއުމަށް ފާސްކޮށް، ބަހުސްގެ ވަގުތު ހަމަކޮށް، މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމެޓީގައި މައްސަލަ ދިރާސާ ކުރަން ފަށާފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މީކާއީލު ވިދާޅުވީ މި މައްސަލައަކީ މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓާއި ގުޅޭގޮތުން، އެކި ފަހަރު އެކި ގޮތަށް ސަރުކާރުން މަޢުލޫމާތު ދެމުން ގެންދާތީ މިކަމާއި ގުޅޭ ސަރުކާރުގެ ހަޤީޤީ ސިޔާސަތު ހާމަކޮށް، ބޯހިޔާވަހިކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް އެ ތަންތަން ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށެވެ.

މެންބަރު މީކާއީލު ވިދާޅުވީ ކެންޕެއިންތަކުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ކުރީ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު އަތުނުލާނެ ކަމަށް ވިދާޅުވި ވިދާޅުވުން ޤަބޫލުކޮށް އެތައް ހާސް ރައްޔިތުންނެއް ވޯޓުދީފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޙައިދަރު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ، ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް މި މައްސަލާގައިވެއެވެ.

އަދި މިދިއަ ސަރުކާރުން ދޫކޮށްފައިވާ ރަޖިސްޓްރީ އާއިމެދު ވަޒީރު ސުވާލު އުފައްދާފައިވާ ކަމަށާއި، ގޯތިތައް ދީފައިވާ ތަން އެހެން ތަނަކަށް ބަދަލުކުރަންޖެހިދާނެ ކަމުގެ އިންޒާރު ދީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބިފައިވާ ފަރާތްތައް އަލުން ފޯމު ހުށައަޅަންޖެހިދާނެ ހާލަތެއް އައިސްދާނެ ކަމަށް ވިދާޅުވެ، އެފަދަ މޭރުމަކުން ވަޒީރު ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެސް މި ކުއްލި މައްސަލަގައި އެވެ.

ހަމައެއައިއެކު، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން އެކުލަވާލި ބަޖެޓުގައި ގޯތިދޭން ކުރީ ސަރުކާރުން ކަނޑައަޅާފައިވާ އެއްވެސް ތަނެއްގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަަށް އެއްވެސް އަދަދެއްގެ ފައިސާ ހިމަނާފައި ނުވާކަން މައްސަލަގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢަށް 400 މިލިއަން ރުފިޔާ، ބަޖެޓުގައި ހިމަނާފައިވާ ކަން މައްސަލަގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައަށް ބަހުސް ކުރަމުން މެންބަރު މީކާއީލް ވިދާޅުވީ އެއްވެސް މީހަކަށް ދީފައިވާ ގޯއްޗާއި ފްލެޓު އަތުނުލާނެ ކަމަށް ކެމްޕެއިނު ކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވި ކަމަށެވެ. އަދި ފުށި ދިއްގަރުފަޅަކީ 20 އަހަރުގެ ރާސްތާއަކަށް ރޭވިގެން ހިންގޭ މަޝްރޫޢެއް ކަމަށްވާއިރު، އެ މަޝްރޫޢު ހިންގުމަށް ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް، މިދިއަ ސަރުކާރުން ގޯތިދީފައިވާ ގުޅީފަޅާއި، އުތުރުތިލަފަޅާއި، ގިރާވަރުފަޅު ތަރައްޤީކުރުމަށް އެއްވެސް ފައިސާއެއް ބަޖެޓުގައި ހިމަނާފައި ނުވުމަކީ ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށް މެންބަރު ވިދާޅުވިއެވެ.

"ފުށި ދިއްގަރުފަޅަކީ އެ ބޭފުޅުން 20 އަހަރުގެ ތަރައްޤީގެ ޕްލޭނެއްގެ ދަށުން ތަރައްޤީކުރަން ގަސްތުކާރާ ތަނެއް ކަމަށް އެބަ ވިދާޅުވޭ. އެހެންނަމަވެސް، މި ލޯންގްޓާމް ޕްލޭންގައި ހިއްޕަވައިގެން ވަޑައިގެންނެވި ބޭފުޅުންނަށް ސާފުވެވަޑައިނުގަންނަވާ އެއް ކަމަކީ، ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން މިހާރުން މިހާރަށް ބޯހުޔާވަހިކަން ހައްލު ކުރަން ހިއްކާފައިވާ ގުޅީފަޅާއި، ގިރާވަރުފަޅާއި، ހުޅުމާލޭގެ އެކި ސަރަހައްދުތައް ތަރައްޤީ ނުކޮށް އަނެއްކާވެސް އައު ތަނެއް (ތަރައްޤީކުރުމަށް އެ ބޭފުޅުން ވިސްނަވަނީ)." މެންބަރު މީކާއީލު ވިދާޅުވިއެވެ.

މި މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި، ގޯތި ދިނުން ހައްޤު ނުވާ އެތައް ފަރާތްތަކެއް ހުރި ކަމަށެވެ. އަދި މި ލިސްޓު އަލުން ޗެކްކޮށް، ޙައްޤުވާ ފަރާތްތަކަށް ގޯތި ދޭންޖެހޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޙައިދަރު ދައްކަވާ ވާހަކަފުޅަކީ ރަނގަޅު ވާހަކައެއް ކަމަށް ޙުސައިން ޝަހީމް ވިދާޅުވިއެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ގޯތި އަތުލުމުގެ މޭރުމަކުން ވަޒީރު ޑރ. ޙައިދަރު ވާހަކަ ދައްކަވާފައި ނުވާ ކަމަށެވެ. އަދި ފްލެޓު އަތުލައްވާނެ ކަމަށް ވަޒީރު ވިދާޅުނުވާ ކަމަށާއި، ވަޒީރު ވިދާޅުވީ ފްލެޓު ދީފައިވާ ފަރާތްތަކުގެ ލިސްޓު އަލުން ޗެކް ކުރަންޖެހޭކަންކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ޤައުމު ހަލަބޮލިކުރުމުގެ ނިޔަތުގައި އިދިކޮޅުން ހުށަހަޅާފައިވާ މައްސަލައެއްގެ ގޮތުގައި މި ކުއްލި މައްސަލަ މެންބަރު ނަސީމް ސިފަކުރެއްވިއެވެ.

"އެއްގޮތަކަށް ވެސް ގޯތި ދީފައި އޮތްތަން ބަދަލު ކުރަން ބޭނުންނުވާ ވާހަކަ ވެސް ވިދާޅުވެއްޖެ. އެ ނިޔަތެއް ނެތް ވާހަކަވެސް ވިދާޅުވެއްޖެ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެން ހިންގަވާލައްވާ އެ ލޭންޑް ޔޫސް ޕްލޭން ބައްލަވާލައްވަން. އެ ޕްލޭންގައި ހުސް ގޯތިތަކެއް ހުރީ. މިސްކިތެއް ނެތް. މަދަރުސާއެއް ނެތް. ދެން މާލެއަށް ކިޔަވަން އަންނަން ޖެހޭނީ. ކިޔަވަން މާލެއަށް އަންނަން ޖެހޭނީ. އިންތިޚާބެއް ތެރޭގައި އަވަސްއަރުވާލާގެން އުޅޭއިރު ކަންތައްތަކެއް ދިމާވެދާނެ. ދެން އަލަށް އަންނަ ސަރުކާރުން އެކަން ރަނގަޅު ކުރަން ފެށީމަ، ނޫނެކޭ ތިކަން އޮންނަންޖެހޭނީ މިސްޓޭކުތަކާއި އެކީގައޭ ވިދާޅުވުމަކީ އެއީ ޒިންމާދާރު ގޮތެއް ނޫން." މެންބަރު ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން، މެންބަރު ނަސީމް ވިދާޅުވީ ކުރީ ސަރުކާރުން ހިއްކި ބިންތަކުގައި ހަދާފައިވާ ލޭންޑް ޔޫސް ޕްލޭން ތަކުގައި މިސްކިތާއި ސްކޫލް މަދަރުސާތައް ފަދަ ތަންތަން އެޅުމަށް އެއްވެސް ވަރަކަށް ބިން ހިމަނާފައި ނުވާކަމަށެވެ. އަދި މި ޕްލޭންގައި ހަމައެކަނި ހުރީ ގޯތިދޭ ބިން ކަމަށް މެންބަރު ވިދާޅުވިއެވެ. ވީމާ، މަދަރުސާތައްފަދަ ތަންތަން އެޅުމަށް ބިމުން ތަން ދިނުމުގެ ގޮތުން ގޯތި ދީފައި ހުރި ތަންތަން ފަހަރުގައި ބަދަލުވެދާނެކަން ނަސީމް ފާހަގަކުރެއްވިއެވެ. އަދި ޑރ. ޙައިދަރު ގޯތި ދީފައިހުރި ތަންތަން ބަދަލުވެދާނެ ކަމަށް އެ ވިދާޅުވާ ވިދާޅުވުމަކީ، މީގެ ސަބަބުން ދިމާވެދާނެ ކަމެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

ގޯއްޗާއި ފްލެޓު ދިނުމާއި ގުޅޭގޮތުން ސުވާލު ކުރުމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޙައިދަރު ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމެޓީއަށް ވެސް ހާޒިރު ކުރައްވާފައެވެ. މި ކޮމެޓީގައި ވާހަކަދައްކަވަމުން ވެސް ޑރ. ޙައިދަރު ވަނީ ކުރީ ސަރުކާރުން ގޯތިދީފައިވާ އެއްވެސް ފަރާތެއްގެ އަތުން ގޯތި އަތުނުލާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަދި ފްލެޓް ލިސްޓު އަލުން މުރާޖާ ކުރާނެ ކަމަށް ޑރ. ޙައިދަރު މި ބައްދަލުވުމުގައި ވިދާޅުވެފައި ވެއެވެ. އަދި ފްލެޓު ހަވާލުކުރުން ލަސްވެފައިވަނީ ކުރީ ސަރުކާރުން ފްލެޓު ދޫކުރި ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކު އޭސީސީއަށް ޝަކުވާ ހުށަހަޅާފައިވާތީ އެކަން އެ ކޮމިޝަނުން ބައްލަވަމުން ގެންދަވާތީ ކަމަށް ޑރ. ޙައިދަރު ވިދާޅުވިއެވެ.