ޚަބަރު

ކުރީ ސަރުކާރަށް ކުރި ތުހުމަތުތަކުގެ އިންކުއަރީއެއް ހަދަން އެދިއްޖެ


  • އިންކުއަރީ ހެދުމަށް ހުށައެޅުއްވީ މެންބަރު މުޣުނީ

  • އިސްތިޤުލާލަށް ފުށުއަރާކަމަށް ބުނާ ކަންކަމުގެ ހަގީގަތް ހާމަކުރުމަށް ގޮވާލާފައިވޭ

  • ކަނޑުގެ ފުށު އަރާ ސަރަހައްދުގެ ތެދު ހާމަކުރުމަށްވެސް ގޮވާލާފައިވޭ

ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ، ކުރި ތުހުމަތުތަކުގެ ޙަޤީގަތް ދެނެގަނެ، އެކަން ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. މި ޤަރާރު ހުށައެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީއެވެ. މި ޤަރާރުގެ ފުރަތަމަކިޔުން ވަނީ މިއަދުގެ ޖަލްސާއަށް އިއްވާފައެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ ހުށައެޅުއްވި ޤަރާރުގައި ބުނެފައިވަނީ ނިމިދިޔަ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ޤައުމުތަކާއިއެކު، ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޤައުމީ ސަލާމަތާއި، ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް، ބުނެ އޭރުގެ އިދިކޮޅުން ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން، ގިނަ ރައްޔިތުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށް، މިކަމާއި ގުޅޭ ހަޤީގަތްތައް ހާމަކުރުމަށް ގޮވާލާފައި ކަމަށްވެސް އެ ޤަރާރުގައިވެއެވެ.

މި ޤަރާރުގައި ބުނެފައިވަނީ މިފަދަ ތުހުމަތުތަކެއް ނިމިދިޔަ ސަރުކާރަށް ކޮށްފައިވާއިރު، އެފަދަ އެއްވެސް ޢަމަލެއް ނުވަތަ ސިޔާސަތެއް ތަންފީޒުކޮށްފައިވޭތޯ ދެނެގަންނަންޖެހޭ ކަމަށެވެ. އަދި އެކަންކަމުގެ ތެދު މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި، ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށް، ޤަބޫލުކުރެވޭ ކަމަށް ޤަރާރުގައިވެއެވެ.

އިންކުއަރީ ހެދުމަށް ޤަރާރުގައި ހުށައަޅާފައިވާ ކަންކަން:

- އެތައް ހާސް އިންޑިއާ ސިފައިން ހަތިޔާރާއިއެކު، ރާއްޖޭގައި ބައިތިއްބާއިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ކުރި ތުހުމަތުތައް
- ދިވެހިރާއްޖެ އާއި މޮރިޝަސް އާއި ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައިވަނީ ރާއްޖެއަށް ގެއްލުންވާގޮތަށް ކަމަށް ބުނެ، ކުރި ތުހުމަތުތައް
- ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް، ވިއްކާލާފައިވާކަމަށް ބުނެ ކުރި ތުހުމަތުތައް

މި ޤަރާރުގައި ވަނީ އެ ތުހުމަތުތަކާއި ގުޅޭގޮތުން، އެކަންކަމުގެ ތެދު ދޮގު ދެނެގަނެ، ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް އެދިފައެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އަސަރުކުރާ ގިނަ އެއްބަސްވުންތަކެއް ކުރީ ސަރުކާރުގައި އެކުލަވާލާފައިވާކަން ވަނީ ހާމަވެފައެވެ. ސިޔާސީ ގުޅުންތަކާއި ގުޅޭ 100 އަށްވުރެ ގިނަ އެއްބަސްވުން މިިދިޔަ 5 އަހަރުގެ ތެރޭގައި އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ޤާއިމުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.