ޚަބަރު

އެހެންމީހުންގެ ސަލާމަތަށްޓަކައި ޤުރުބާންވުމުގެ ހިތްވަރު އަންނަ އެއް ސަބަބަކީ ޤައުމިއްޔަތު: އާދަމް ނަސީރު


  • މިހެން ވިދާޅުވީ ނަސްރުގެ ދުވަހާ ގުޅުވައިގެން ބ.ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން

  • އެންމެ ޚާއްސަ އިސްކަމެއް ދެއްވާނީ ގައުމު ދެކެ ލޯބިވާ ދަރިންތަކެއް އުފެއްދުމަށް ކަމަށް ވިދާޅުވި

ގައުމާއި އެހެން މީހުންގެ ސަލާމަތަށްޓަކައި ތިމާ ޤުރުބާންވުމުގެ ހިތްވަރު އަންނަ މައިގަނޑު އެއް ސަބަބަކީ ޤައުމިއްޔަތުގެ މަތީގައި ދެމިހުރުން ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ނަސްރުގެ ދުވަހު ޝަހީދުވި ބ.ތުޅާދޫ މަބުސްތާނުގޭ ހުސެއިން މުޙައްމަދުގެ ހަނދާނާ ޒިކުރާ އާލާކުރުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސްރުގެ ދުވަހާ ގުޅުވައިގެން ބ.ތުޅާދޫގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ދިވެހިންނަކީ އެއްލެޔަކުން ގުޅިފައިވާ އެއްބަހެއް އަދި އެއްސަގާފަތަކާއި އާދަކާދައެއް ގެންގުޅޭ ބަޔަކަށް ވީހިނދު އެކަކު އަނެކަކަށް އޮންނަ ލޯތްބަކީ އެއީކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަކީ މިހާރު ޤައުމުން އުވެމުންދާކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ، އެކަންކަން އުފެދިގެން އަންނަނީ ގައުމު ދެކެ ލޯބިވާ ގައުމިއްޔަތެއް އޮވެގެންކަމަށެވެ. ނަސްރުގެދުވަހު ދިވެހި ސިފައިންގެ ކިބައިން ފެނިގެން ދިޔައީ މިމިސާލުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަދުގެ ކިވަޔާ ކުދިންނަށް މިކަމުގެ މައުލޫމާތު އެނގެންވާ މިންވަރަށް އެނގިފައި ނެތުމަކީ ގައުމުގެ ތާރީޚާއި ސަގާފަތް ކުދިންނަށް ނޭނގުމުގެ އެންމެ ބޮޑު އަސްލުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުގެ އުދުޢާނުގައި ތުޅާދޫ ދަރިއަކު ޝަޙީދުވެ ދިޔަދިއުމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ތުޅާދޫއަކީ ކިތަންމެ ކުޑަ ރަށެއްގެ ގޮތުގައި އޮތްނަމަވެސް ޝަޙީދު ހުސެއިން މުޙައްމަދުގެ ކިބައިން ފެނިގެން ދިޔައީ މުޅި ގައުމު އެކަމާ ފަޚްރުވެރިވެ އަބަދުގެ އަބަދަށް ހަނދާން އާކުރާނެ ކަމެއްކަމަށެވެ. ވަޒީރު ވިދާޅުވީ ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރާ ކޮންމެ ދަނޑިވަޅެއްގައިވެސް ފެނިގެންދާންވީ ނަސްރުގެ ދުވަހު ޝަހީދުންނާއި އެދުވަހު ޤައުމުގެ ދިފާއުގައި ނުކުންނެވި ފަރާތްތަކުން ގެންގުޅުނު ގައުމީވަންތަކަން ކަމަށެވެ.

އެމަނިކުފާނުގެ ވާހަަކފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ އެންމެ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާނެ އެއްކަމަކީ ގައުމު ދެކެ ލޯބިވާ ދަރިންތަކެއް އުފެއްދުންކަމަށެވެ.

ނަސްރުގެ ދުވަސް ކޮންމެ އަހަރަކުވެސް ތުޅާދޫގައި ފާހަގަކުރާގޮތައް އެރަށު ކައުންސިލުން ވަނީ ނިންމަވާފައެވެ. މިދިޔަ އަހަރުވެސް އެރަށުގައި ކުލަގަދަކޮށް މިދުވަސް ފާހަގަ ކުރިއެވެ. ކައުންސިލުން މިކަން ފާހަގަކުރަމުންދަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭރުގެ ސިފައިންނާއި ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖޭގައި އޭރު އޮތް ޤާނޫނީ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ކުރި މަސައްކަތުގެ ތެރެއިން ހިނގި ކުރިމަތިލުމުގައި ޝަހީދުވި ދިވެހިންގެ ތެރޭގައި ހިމެނުނު ތުޅާދޫއަށް ނިސްބަތްވާ ޝަހީދު ހުސައިން މުހައްމަދުގެ ހަނދާނާއި ޒިކުރާ އައު ކުރުމުގެ ގޮތުންނެވެ. އަދި އެދުވަހުގެ އެހާދިސާގެ މައުލޫމާތުތައް އަދުގެ ކިޔަވާ ކުދިންނަށް އަންގައިދިނުމަކީވެސް މީގެ ބޭނުމެކެވެ.

މި ޖަލްސާގައި ޝަޙީދު ހުސެއިން މުޙައްމަދުގެ އަނބިކަނބަލުންނާއި އާއިލާގެ މެންބަރުން ބައިވެރިވިއެވެ.