ޚަބަރު

ޚާރިޖީ ވަޒީރު، އިންޑިއާ ސަފީރާއި ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި


އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޒިންއާ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޚާރިޖީ ވުޒާރާގައެވެ.

އިންޑިއާގެ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ، ރާއްޖެއާއި އިންޑިއާއާ އޮތް ގާތް ގުޅުން އެގޮތުގައި ދެމެހެއްޓުމަށް ރާއްޖެއިން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ، އިންޑިއާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމު ގުޅިގެން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދެވުމަށް ބޭނުންވާ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު މުނޫ މަހާވަރު ވަނީ، އާ ޚާރިޖީ ވަޒީރު މުސާ ޒަމީރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޚާއްސަ ގުޅުން، އިތުރަށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދެވިކަން ފާހަގަކުރެއްވިއެވެ.

އިންޑިއާއަކީ ރާއްޖޭގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމުގައި، އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް އަދި އައްޑޫގެ މަގުތަކާއި ހަންކެނޑެ ބްރިޖްގެ މަސައްކަތަކީވެސް، އިންޑިއާގެ އެހީގައި ފަށަފައިވާ މަޝްރޫޢުތަކެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޒިންއާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ، ދެ ޤައުމުގެ ގާތް ގުޅުން ދެމެހެއްޓުމަށް ވާހަކަފުޅުދައްކަވާފައެވެ. އަދި ކުރިމަގުގައި ދެ ޤައުމަށް ފައިދާވާނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެއްވުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. ރާއްޖޭގައި ކުރިއަށްގެންދިއަ ތަރައްޤީގެ ބޮޑެތި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދެވީ ޗައިނާގެ އެހީގައެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތަކާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދިޔަ ހިޔާ މަޝްރޫޢުއަކީވެސް ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

އިންޑިއާއާއި، ޗައިނާގެ އިތުރުން، ޖަޕާނުގެ ސަފީރު ޓަކިއޮޗީ މިދޯރީއާވެސް ޚާރިޖީ ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ދެޤައިމު ގުޅިގެން އިތުރަށް މަސައްކަތްތައް ކުރިއަށްގެންދެވޭނެ ދާއިރާތަކުން މަޝްވަރާކުރެއްވިއެވެ.