ޚަބަރު

"ދަ އައިލެންޑް ވީ ވޯންޓް" އާޓް އެގްޒިބިޝަން ހުޅުވައިފި


  • މިއީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ހުޅުވި އާޓް އެޒްބިޝަނެއް

  • މިއެގްޒިބިޝަނަށް 300އަށް ވުރެއް ގިނަ ކުރެހުން ހުށައަޅާފައިވޭ

  • މިހަރަކާތް އަތޮޅު ތެރޭގައިވެސް ކުރިއަށް ދާނެ

ދުނިޔޭގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ޚާއްސަ އާޓް އެޒްބިޝަނެއް ހުޅުވައިފިއެވެ. ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީ ހޯލްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި އާޓް އެޒްބިޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ޔުނިސެފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިޔަށްދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާޓް އެގްޒިބިޝަން ކުރިޔަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާއި ގުޅިގެންނެވެ.

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން "ދަ އައިލެންޑް ވީ ވޯންޓް" ގެ ނަމުގައި ކުރިޔަށްގެންދާ މި އާޓް އެގްޒިބިޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 380 އަށް ވުރެ ގިނަ ކުޑަކުދިންގެ ކުރެހުންތައް ދައްކާލާފައިވެއެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފާއި އާކް ގުޅިގެން ވަނީ އދ.ގެ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ)ގެ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވައި އެގްޒިބިޝަން ހުޅުވައިދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އާޓް އެގްޒިބިޝަން ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއެގްޒިބިޝަން ބައްލަވާލައްވާފައެވެ.

އާޓް އެޒްބިޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އިންސްޕެކްޓަރ އޮފް ފޮލިސް އަހުމަދު ފާރިސް ވިދާޅުވީ މި އާޓް އެޒްބިޝަންގައި ހުށައަޅާފައިވާ 300 އަށް ވުރެއް ގިނަ ކުރެހުންތަކުންގެ ތެރެއިން އެންމެ މޮޅު 15 ކުރެހުމެއް ހޮވާފައިވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ކުރެހުންތެރިންގެ ބައިވެރިވުމާއެކު ކަމަށެވެ. ފާރިސް ވިދާޅުވީ މި ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަތް ގެންދިޔުމަށް ރާވާފައިވާކަމަށެވެ.

" ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުރިއަތް ގެންދާ މި ހަރަކާތަކީ ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކާއި ގުޅިގެން ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ކުރިއައްގެންދާ އިވެންޓެއް. މި އަހަރު އަޅުގަނޑުމެންނަށް މި ފެށުނީ. މި ހަރަކާތުގެ ކުރިއަތް ހުރި ހަރަކާތްތައް ކުރިއަތް ގެންދިޔުމަށް ހަމަ ޖެހިފައިވަނީ އއ. އުކުޅަހުގައި. އއ. އުކުޅަހުގައި ކުރިއަތް ގެންދިޔަ ކަމުގައި ވިއަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަކޮށް އއ. އަތޮޅުގައި ކުރިއަށްދާނެ" ފާރިސް ވިދާޅުވިއެވެ.

ޔުނިސެފް މޯލްޑިވްސްގެ ޗައިލްޑް ޕްރޮޓެކްޝަން ސެޕެޝަލިސްޓް މުހައްމަދު ނައީމް ވިދާޅުވީ މި ފަދަ އާޓް އެޒްބިޝަން ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކުދިން ދިރިއުޅޭ ރަށެއްގައި ހުންނަން އެކުދިން ބޭނުންވާ ސިފަތަކަކީ ކޮބައިތޯ ޚިޔާލު ހޯދުންކަމަށެވެ. އެގޮތުން ހުށައެޅިފައި ހުރި ކުރެހުންތަކުންވެސް ކުދިންގެ ޚިޔާލާ ބޭނުންވާ ގޮތް ވަރަށް ސާފުވެގެން ގޮސްފައިވާ ކަމަށް ނައީމް ވިދާޅުވިއެވެ.

" އެހެންވީމާ މި 380 އާޓް ޕީސެސްއިން އެބަ ބުނެދޭ ކޮންކަހަލަ ރަށެއްކަން ދެކެން ބޭނުންވަނީ. ކޮންކަހަލަ ސިފަތަކެއްތޯ ހުންނަން ބޭނުންވަނީ. ކޮންކަހަލަ ޚިދުމަތްތަކެއްތޯ ލިބެން ބޭނުންވަނީ. ކޮންކަހަލަ މައްސަލަތަކެއްތޯ ދިމާވެފައި ހުރީ މި އާޓް ޕީސެސްތަކުންވެސް އެބަ އިނގޭ. އެހެންވީމަ ކުރިއަށް އޮތްތަނުގައި ޕްރޮގްރާމް ހެދުމުގައި މިޚިޔާލްތައް އަޅުގަނޑުމެން ބޭނުން ކުރާނަން" ނައީމް ވިދާޅުވިއެވެ.

މި އާޓް އެޒްބިޝަންގައި ބައިވެރިވި ގިނަ ކުދިން ވަނީ އެ ކުދިން އާޓް އެޒްބިޝަނާއި މެދު ދެކޭ ގޮތް ހަމަކޮށްފައެވެ. އެކުދިންވަނީ މިފަދަ އާޓް އެޒްބިޝަންތައް ބާއްވާތީ އުފާވާ ކަމަށާއި މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުރެހުމަށް ހުންނަ ލޯތްބާއި ޝައުގުވެރިވާކަން އިތުރުވާކަން އެކުދިން ފާހަގަކުރިއެވެ.

" ވަރަށް އުފާވޭ މި ފަދަ އާޓް އެޒްބިޝަންތައް ބާއްވާތީ. މިކަހަލަ ފުރުސަތުތައް ލިބޭތީ ވަރަށް ހިތްހަމަ ޖެހޭ. މި ފަދަ އާޓް އެގްޒިބިޝަންތަކުގެ ސަބަބުން ކުރަހަން ވަރަށް ޝައުގުވެރިވޭ" އާޓް އެޒްބިޝަންގައި ބައިވެރިވި ގިނަ ކުދިން ފާހަގަކުރިއެވެ.

މި އާޓް އެގްޒިބިޝަންގައި ހުރި ކުރެހުންތަކުގެ ތެރެއިން އެންމެ މޮޅު 15 ކުރެހުން ހޮވާ އެކަންވަނީ އިޢުލާންކޮށްފައެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހަކީ ކުޑަކުދިންގެ އަސާސީ ޙައްޤުތައް ބަޔާންކުރާ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރްސީ) 1989 ވަނަ އަހަރު ފާސްކުރި ދުވަހެވެ.