ޚަބަރު

ނޭޝަނަލް އިންޓެގްރިޓީ ޕްލޭނަށް މީޑިއާތައް ހޭލުންތެރިކުރުވުން


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީގެ ފަރާތުން އެކުލަވާލުމަށް މަސައްކަތްކުރަމުންދާ "ނޭޝަނަލް އިންޓެގްރިޓީ ޕްލޭން" އާއި ގުޅޭގޮތުން ރާއްޖޭގެ މީޑިއާތައް އަހުލުވެރިކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭނާއި ގުޅޭގޮތުން މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަޢުލޫމާތުދެއްވާފައިވަނީ އޭ.ސީ.ސީގެ ބޯޑު މެމްބަރުންނެވެ.

އެގޮތުން ރާއްޖޭގެ ކޮރަޕްޝަންގެ މިހާރުގެ ހާލަތާއި، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށާއި، މިކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގައި މީޑިއާގެ ދައުރާއި ގުޅޭގޮތުން ބައިވެރިންނަށް މިއަދުގެ ބައްދަލުވުމުގައ ވަނީ މަޢުލޫމާތުދެއްވާފައެވެ.

އޭ.ސީ.ސީގެ ފަރާތުން ނެޝެނަލް އިންޓެގްރިޓީ ޕްލޭނެއް އެކުލަވާލުމުގެ މަޤުސަދުތަކުގެ ތެރޭގައި އެކުވެރި ބަދަހި މުޖުތަމަޢުއެއް ބިނާކޮށް، ނަޒާހަތްތެރިކަމާކީ، ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ބަލައިގަންނަ ފުރިހަމައަށް އިޙްތިރާމްކުރާ އަދި ކުރިއެރުވުމަށް މަސައްކަތް ކުރާ ސިފައެއް ކަމުގައި ހެދުން ހިމެނެއެވެ. އަދި ދައުލަތުގެ އިދާރާތަކަކީ އާންމު ރައްޔިތުން އިތުބާރުކުރާ ތަންތަނަށް ހެދުމާއި، އެ ތަންތަނުން ދޭ އެންމެހައި ޚިދުމަތްތަކަކީ ރޭވުންތެރިކަމާއި، ކެތްތެރިކަމާއެކު ފުރިހަމަ އިންތިޒާމްތަކެއްގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުންވެސް މި ޕްލޭންގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޕްލޭންގެ ދަށުން މުޖުތަމައުތެރޭ ކޮރަޕްޝަނާއި ފަސާދައަށް އެއްވެސް ފުރުސަތެއް ނުދިނުމަށް މައިގަނޑު 5 ސިޔާސަތެއްގެ ދަށުން، ދަޢުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާއި، ސިޔާސީ ޕާޓީތައް، އަދި ވިޔަފާރިވެރިންނާއި އަމިއްލަ ޖަމިއްޔާތަކާއި ގުޅިގެން 130 އަށްވުރެ ގިނަ ހަރަކާތް އޭ.ސީ.ސީގެ ފަރާތުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެތެރެއިން މީޑިއާތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި، އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު މަންޒަރާއި، އަޑު އަދި ލިޔުން މެއިންސްޓްރީމް މީޑިއާގައި ބްރޯޑްކާސްޓް، ޓެލެކާސްޓް އަދި ޕަބްލިޝް ނުކުރެވޭ ނިޒާމެއް ޤާއިމުކޮށް، އެފަދަ ޢަމަލު ހިންގާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމާއި ގުޅުންހުރި ޕްރޮގްރާމްތައް ކޮންމެ މީޑިއާއަކުންވެސް ވަކިވަރަކަށް ގެނެސްދިނުމަށް ކަމާބެހޭ ޤަވާއިދުތަކުން ލާޒިމުކުރުމާއި، މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ މަޢުލޫމާތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ދަޢުލަތުގެ މުވައްޒަފުންނާއި ހިއްސާކުރުންވެސް ހިމެނެއެވެ.

ދައުލަތުގެ 60 އަށްވުރެ ގިނަ އިދާރާތަކާއި ގުޅިގެން އޭ.ސީ.ސީއިން އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ މި ޕްލޭންގެ ފައިނަލް ޓްރާފްޓްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިއަހަރުގެ ތެރޭ މި ޕްލޭން ރަސްމީކޮށް ލޯންޗްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އޭ.ސީ.ސީގެ ފަރާތުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.