ޚަބަރު

ކުރެހުންތެރިޔާ ލައިލީގެ ފޮޓޯ މައުރަޒު "އެކެއް" ފަށައިފި


  • މި މައުރަޒު ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު

  • މި މައުރަޒު މިއަދުން ފެށިގެން ޑިސެމްބަރު 1 އަކާއި ހަމައަށް ކުރިއަށްދާނެ

  • މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަކަށް

ކުރެހުންތެރިޔާ ލައިލީގެ ފޮޓޯ މައުރަޒު "އެކެއް" ނެޝަނަލް އާޓް ގެލެރީގައި ފަށައިފިއެވެ.

ނެޝަނަލް އާޓް ގެލަރީގައި ރޭގައި ފެށި "އެކެއް މައުރަޒު" އިފްތިތާޙުކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމެވެ.

މި މައުރަޒު އިފްތިތާޙުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މި މައުރަޒުގެ ނަމަކީ ދިވެހިންގެ ދިވެހި ވަންތަކަމާއި ގުޅިފައިވާ ނަމެއް ކަމަށެވެ. އެގޮތުން "އެކެއް" މާނަކޮށްފައިވަނީ ދިވެހިންގައި ހުންނަ އެއްގޮތް އެއްކަހަލަ ސިފަތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތުގެ ތަޞައްވަރުގައިވެސް އޮންނަނީ ދިވެހިންނަކީ އެއްބަހަކުން ވާހަކަ ދައްކާ، އެއް ސަގާފަތެއް ޙިއްސާކުރާ، އެއް ދީނަކަށް އުޅޭ، އެއް އާދަކާދަތަކެއް ގެންގުޅޭ، އެއްބައެއްވަންތަ އެކުވެރި ބައެއްކަމުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ދިވެހިން އެކަކު އަނެކަކަށް އިޚުތިރާމުކުރާ އެކުވެރި އެއްބައެއްވަންތަ ގޮތުގައި ތިބުމީ ދިވެހީންގެ ސަގާފަތާއި ގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެކެއް މައުޒަރުން ފެންނަ މި މަސައްކަތުން މި ޖީލުގެ ޒުވާނެއްގެ ހިތުގައިގައި މިގޮތަށް ދިވެހިރާއްޖެ ސިފަވެގެން ދިއުމަކީ ވަރަށް އުންމީދީ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި ޤައުމިއްޔަތުގެ މަޝްރޫޢުގައި ދިވެހި ޒުވާނުންގެ ހިތްތަކުގައި ދިވެހިވަންތަ ސިފަ ޖެއްސެވުމަށް ވަރަށް ބޮޑު ބައެއް ހިމެނިފައި އޮންނާނެކަންވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ނެޝަނަލް އާޓް ގެލަރީގައި ފެށި މި މައުރަޒު ކުރިއަށް ދާނީ 21 ނޮވެންބަރު 2023 އިން 1 ޑިސެންބަރު 2023 ގެ ހެންދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.