ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯއަކަށް ޢަބްދުއްރައްޒާޤު ޙަލީމް ޢަންޔަނުކުރައްވައިފި


  • ޙަލީމް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައި

  • ޙަލީމް މީގެކުރިން ވަނީ ބައެއް ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މ. ރަނިކަ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ޢައްޔަންކުރައްވައިފިއެވެ.

އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ މިނިސްޓަރ ފެންވަރުގައެވެ. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީ. އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ، "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް" ގެ ނަމަށް ބަދަލުކުރައްވައިފިއެވެ.

މި ބޯޑަކީ މާލޭ ސަރަޙައްދުގެ މައި ހޮސްޕިޓަލްތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓެވުމަށް އުފައްދަވާފައިވާ ގަވަރނިންގ ބޯޑެކެވެ. މި ގަވަރނިންގ ބޯޑުން ބަލަހައްޓާ ހޮސްޕިޓަލްތަކުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެއެވެ.

މިބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިން ބޯޑަކީ، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެ މަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. މި ބޯޑު އިދާރީގޮތުން ހިނގަމުންދާނީ ޞިއްޙީ ވުޒާރާގެ ދަށުންނެވެ.