ޚަބަރު

އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަނީ


ތަޢުލީމީ ރަނގަޅު ނަތީޖާއެއް ލިބިފައިނެތުމުގެ ސަބަބުން މުޖުތަމަޢުގައި އިތުރު ފުރުޞަތުތައް ތަނަވެސްވެފައި ނެތް ކުދިންނަށް އިސްކަންދީގެން ހުނަރު ދަސްކޮށްދޭ، އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. 

މިކަމަށްޓަކައި ހޮޓެލް ޖެންގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، މިއީ ތަޢުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ބާކީވިޔަ ނުދިނުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުން ރިހިބިލިޓޭޓް ކުރުމުގެ މަޤްޞަދުގައި ހުޅުވާލި ފުރުޞަތެއްކަމަށެވެ. 

މި ޕްރޮގްރާމްގައި އެޗްޑީސީގެ އެކިއެކި މަސައްކަތްތަކުގެ އިތުރުން ވެލްޑިން ކުރުމާއި މެޝިނަރީގެ މަސައްކަތްތަކާއި، ވަޑާން ކުރުމުގެ ހުނަރު ދަސްކޮށްދެވޭނެކަން ސައިމަން ފާހަގަކުރެއްވިއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުގެ މައިގަނޑު އެއް އަމަޒަކީ ޒުވާނުންކަމަށެވެ. ޒުވާނުންނަކީ ގެދޮރުވެރި، ހުނަރު ލިބިފައިވާ، އަމިއްލަ ފައިމައްޗަށް ތެދުވެ ޤައުމުގެ ތަރައްޤީގައި ހިއްސަވާ ބަޔަކަށް ހެއްދެވުމަކީ ރައީސްގެ ވިސްނުންފުޅުކަމަށެވެ. އެގޮތުން މިއަދު އެއްބަސްވެވުނު ޕްރޮގްރާމަކީ ޒުވާނުންގެ ސިޓީ ބިނާާވެގެންދާއިރު ސްކޫލްތަކުން ނިކުންނަ ޒުވާނުންނަށް ވަޒީފާއާއި ހަމައަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގައި މިއަހަރު 20 ޒުވާނުންނަށް ފުރުޞަތު ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.