ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަމަށް ބައިނަލްއަޤްވާމީ މިންގަނޑުތައް ކަށަވަރުކުރުން މުހިންމު: ޑރ. ޚަލީލް


  • ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވާނެ މިންގަނޑުތައް ހިއްސާކުރި

  • ރާއްޖެފަދަ ޤައުމަކަށް މުހިންމު މިންގަނޑެއްކަން

  • ކާބޯތަކެތި ރަނގަޅަށް ޓެސްޓުކުރުމުގެ މުހިންމުކަން

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކާ އެއްގޮތައް ޢަމަލުކުރުން މުހިންމުކަމަށް ސިއްޙީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ސިނާއަތުގެ ފަރާތްތަކަށް އަމާޒުކޮށްގެން "ފުޑް ސޭފްޓީ މެނޭޖްމެންޓް އިން މޯލްޑިވްސް ފުޑް ސެކްޓަރ" ނަމުގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކާއި އެއްގޮތައް ރާއްޖޭގައިވެސް އަމަލުކުރުން މުހިންމުކަމަށެވެ.

ވަޒީރު ވިދާޅުވީ، ކާބޯތަކެތި ރައްކާތެރިކުރުމުގައި ގެންގުޅޭ ނުރަގަނޅު ފިޔަވަޅުތައް އެޅުމުގެ ސަބަބުން ސިއްހަތަށް ނުރައްކާވާކަމަށެވެ. އެގޮތުން ރައްކާތެރި ނޫންގޮތަށް ގެންގުޅޭ ކާބޯތަކެތީގެ ސަބަބުން އަހަރަކު ގާތްގަނޑައަކަށް 600 މިލިއަން މީހުންނަށް ސިއްޙީ މައްސަލަތަކާއި ކުރިމަތިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ.

"މޫސުމީ ބަދަލުތަކާއި، އާބާދީ އިތުރުވުމާއި އިންޓަރނޭޝަނަލް ވިޔަފާރިތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައިއަށް ބޮޑެތި ބަދަލުތައް އަންނަމުންދޭ. މި ސަބަބަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު" ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ކާބޯތަކެތި ރައްކާތެރިކުރުމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަށް ބޭއްވި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ކާބޯތަކެތީގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުންގެ މައުލޫމާތު މުއްސަނދިވުމުގެ އިތުރުން ކާބޯތަކެތި ރައްކާތެރުކުރުމުގެ ގޮތުން ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަހުލުވެރިކުރުވުމަށް ބޭއްވި މި މަސައްކަތު ބައްދަލުވުމާ ގުޅޭ ގޮތުން އެމްއެފްޑީއޭއިން ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ޓެސްޓުކުރުމުގެ ގޮތުން ބޭނުންވާ މުހިންމު މައުލޫމާތު މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބުމަކީ، ރާއްޖޭގައި ކަބޯތަކެތި ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށްވާނެކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކާއި މިންގަނޑުތައް ބައިވެރިންނާ ހިއްސާކޮށްފައެވެ. ކާބޯތަކެތި ރައްކާތެރިކުރުން މުހިންމުވާ އެއް ސަބަބަކީ ކާބޯތަކެތީގެ "ޝެލްފް ލައިފް ޓެސްޓު" ހެދުމާއި ބައެއް ކަހަލަ ޓޮކްސިންސް، ހެވީ މެޓަލް އަދި ގަސްގަހަށް ޖަހާ ބޭސް ފަދަ ތަކެތި ޓެސްޓު ކުރެވޭނެ މަގެއް ފަހިކުރުން ކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

ކާބޯތަކެތި ރައްކާތެރިކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުން ގެންގޮސްފައިވަނީ އެންޝުއަރ މޯލްޑިވްސް، ބިއުރޯ ވެރިޓަސް ސްރީލަންކާ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެންނެވެ.