ޚަބަރު

ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް ރައީސް އެދިވަޑައިގެންފި


  • ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވާފައި

  • ރައީސް އެދިވަޑައިގަތީ ފޯކަސް ބަހައްޓައިގެން މަސައްކަތް ކުރެއްވުމަށް

  • އޮފީސްތަކަށް މިސާލުދެއްކުމަށްވެސް އެދިވަޑައިގެންނެވި

އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަމާޒުގައި، އަދި ރައްޔިތުން ފޯކަސްގައި ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ރައީސް އޮފީހަކީ މިސަރުކާރު ހިންގުމުގަ އެންމެ އިސް ދައުރު އަދާކުރާ އޮފީސް. ސަރުކާރުގެ ހުރިހާ ވުޒާރާތަކާ ދެންވެސްހުރި ހުރިހާ މުއައްސަސާތަކަކާދޭންޖެހޭ އެކިކަހަލަ އިރުޝަދުތައް ދިނުމާ ބަލަހައްޓަންޖެހޭ ބެލެހެއްޓުމުގައި ވަރަށް ބޮޑު ޒިންމާއެއް ތި މުވައްޒަފުން އަދާކުރައްވަމުން ގެންދަވަނީ." ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރައްވާ އޮފީސް ކަމަށް ވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށްވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ޖާގައިގެ ދަތިކަން އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެށޭ އަހަރު އެކަމަށް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ދައުލަތުގެ އެންމެ އިސް އޮފީސްކަމަށާއި، ޒަމާންތަކެއް ވަންދެން ރީތި ރަނގަޅު އުސޫލުތަކެއް ދެމެހެއްޓެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އަލުން އެކަންކަން އިއާދަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.