ޚަބަރު

ދިރާސީ އަހަރު ފެށުން ޖެނުއަރީއަށް ބަދަލުކުރަން މަޝްވަރާކުރަނީ


  • ތަޢުލީމީ ވަޒީރު ވަނީ، މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާފައި

  • ދިރާސީ އަހަރު، އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމަކީ ގިނަ ރައްޔިތުން އެދޭ ކަމެއް

  • އަހަރު މެދުތެރެއަށް ދިރާސީ އަހަރު ބަދަލުކުރީ 2021ގައި

ދިރާސީ އަހަރުގެ ފެށުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމާއި ގުޅޭ މަޝްވަރާތައް ފަށްޓަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު މިއަދު ވަނީ، މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ބައްދަލުކުރެއްވުމަށް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމަކީ، ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް އޮޅުންފިލުއްވާ، ކަންކަން ޙައްލުކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުވުމުގައި، ދިރާސީ އައު އަހަރު އަހަރުގެ ކުރީކޮޅަށް ބަދަލުކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަން ތަންފީޒުކުރަން ފަށާނެ ވަކި އަހަރެއް އަދި ކަނޑައަޅުއްވާފައި ނުވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ގިނަ ބައެއްގެ އެދުމާއި އެއްގޮތަށް، ދިރާސީ އަހަރު ކުރިއެކޭ އެއްގޮތަށް އަހަރުގެ ކުރީކޮޅަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ތެރޭގައިވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކޮށްފައިވަނީ، 2021ވަނަ އަހަރެވެ. ކޯވިޑްގެ ޙާލަތުގައި އަހަރަކާއި ހަ މަހަށް، 2020ވަނަ އަހަރުގެ ދިރާސީ އަހަރު ދިގުދަންމާލުމަށްފަހުގައި، 2021ވަނަ އަހަރުގެ ދިރާސީ އަހަރު ފެށީ، އެ އަހަރު އޮގަސްޓް 10ވަނަ ދުވަހުއެވެ. އޭރު ސަރުކާރުން ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ބޭނުންވި އެއް ސަބަބުގެ ގޮތުގައި، ރިސޯޓްތަކުގެ އޮފް-ސީޒަނާއި ދިމާކޮށް ޗުއްޓީ ލިބޭނެ ގޮތް ހެދުންވެސް ހިމެނެއެވެ.

ކުރިން އޮތް ގޮތަށް ޖެނުއަރީއަށް ދިރާސީ އަހަރު ބަދަލުކުރުމަކީ ވަރަށް ގިނަ ބަޔަކު އެދެމުންދާކަމެކެވެ. މިހާރު އޮތްގޮތުން ސްކޫލް ބޮޑު ޗުއްޓީ ދިމާވަނީ، އަހަރުގެ މެދުތެރެއަށް ޖޫންޖުލައި ވިއްސާރަވެސް ވާ ދުވަސްވަރަށެވެ. ބަދަލުގެނެސްފިނަމަ، ސްކޫލްތަކުގެ ބޮޑު ޗުއްޓީ، ނޮވެމްބަރ-ޑިސެމްބަރަށް ބަދަލުވާނެއެވެ.