ޚަބަރު

ބްރިޖް މަސައްކަތުގައި %77 ނިންމުމުގެ މުއްދަތު ފަހަނައަޅައިފި، ނިމުނީ %27


  • 2023ގެ ނިޔަލަށް ބްރިޖް ގުޅިފަޅާއި ގުޅާލާ ނިންމަން ޓައިމްލައިންގައި ހިމެނި

  • މުޅި މަޝްރޫޢު އަންނަ އަހަރު މޭ މަހަށް ނިންމަން އޮތީ ޕްލޭންކޮށްފައި

  • ލަސް ސްޕީޑްގެ ސަބަބުން އައު ޓައިމްލައިނެއް އެކުލަވާލާނެ

އަހަރުގެ މިހާތަނަށް އަންނައިރު ތިލަމާލެ ބްރިޖުގެ %77 މަސައްކަތް ނިމިފައި އޮންނަންޖެހޭނަމަވެސް، މިހާތަނަށް ނިމިފައިވަނީ %27 ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. އައު ސަރުކާރުން ދަނީ، ނިމުނު ސަރުކާރުގައި ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް ލަސްވާ މައްސަލަ ބަލަމުންނެވެ.

މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށީ ގުޅާލުމުގެ މަޝްރޫޢު ސަރުކާރުން ފެށްޓެވީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. 6.7 ކިލޯމީޓަރުގެ މި ބްރިޖަކީ ރާއްޖޭގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.

ބްރިޖް މަޝްރޫޢު ރާވާފައިވާގޮތުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް ނިންމަން ހިމަނާފައިވެއެވެ. އަދި 2024 ވަނަ އަހަރުގެ މެއިމަހުގެ ނިޔަލަށް، ތިލަފުށްޓާއި ހަމައަށް ގުޅާލާ މުޅި މަޝްރޫޢު ފުރިހަމަކުރުމަށް ތާވަލުކުރިއެވެ.

މި މަޝްރޫޢު ބޮޑެތި މަސައްކަތްތައް ކުރިއަށްދަނީ ތިލަފުށީގައި ހުންނަން، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެފްކޮންސްގެ ސައިޓްގައެވެ. މިދިޔަ ސަރުކާރުގައި މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެންމެ ފަހުން ޙިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މާލެއާއި ވިލިމާލެއާއި ދެމެދު ތަނބުތައް ޖެހުމާއި ގުޅުންހުރި މަސައްކަތުގެ ބޮޑު ބައެއް ފުރިހަމަކޮށްފައިވާކަމަށް ވިދާޅުވެފައިވެއެވެ. ބްރިޖް ގުޅާލާލީ ކޮންކްރީޓް ޑެކް ތަކަކުންނެވެ. މި ޑެކްޓައް ޕްރީފެބްރިކޭޓްކޮށް ތައްޔާރުކުރަނީ ގުޅިފަޅު ސައިޓުގައެވެ.

މި ޕްރޮޖެކްޓަކީ 7 ބިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫޢުއެކެވެ.

ކަންބޮޑުވުން އޮތީ ޕްރޮޖެކްޓްގެ ޓައިމްލައިންތައް ފަހަނަ އަޅާ ގޮސް، މުޅި މަޝްރޫޢު ނިންމަން ބުނި ތަރީޚުވެސް ގާތްވެފައިވާއިރު، މާބޮޑު ޢަމަލީ ސިފައެއް މަޝްރޫޢުއަށް އައިސްފައި ނެތުމެވެ. އައު ސަރުކާރުންވެސް މިކަމުގައި ކަންބޮޑުވުން ފާޅުކޮށް، މަޝްރޫޢު އަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތް ވަނީ ފަށާފައެވެ. މި މަޝްރޫޢަކީ ގްރޭޓަރ މާލެއާއި މުޅި ރާއްޖޭގެ އިޤްތިޞާދާ ގުޅޭ މަޝްރޫޢުއަކަށްވާތީ، މި މަޝްރޫޢުގެ މުހިންމުކަން ބޮޑެވެ.

އައު ސަރުކާރުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، މި މަޝްރޫގެ ޓައިމްލައިނާއި ގުޅޭ ބައެއް މަޢުލޫމާތު ޙިއްސާކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، އިންތިޤާލީ ކޮމިޓީ މަރުޚަލާގައި މިކަމުގެ ތަފްޞީލުތައް ހޯދާފައިވާކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގައި މި މަޝްރޫޢުއާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ މަޝްރޫޢު އަވަސްކުރުމުގެ މަސައްކަތްތައް ފަށްޓަވާނެކަމަށެވެ.

ފިރުޒުލް ވިދާޅުވީ، މުޅި މަޝްރޫޢުގެ ހަތަރު ބައިކުޅަ ތިން ބައި ނިންމުމުގެ މުއްދަތު ފަހަނަ އަޅާއި ދިޔައިރު، ނިންމިފައިވަނީ، ހަތަރު ބައިކުޅަ އެއްބައި މަސައްކަތްކަމަށެވެ.

"އަހަރުގެ މިިހިސާބަށް އައިއިރު މަޝްރޫޢުގެ %77 އޮންނަންޖެހޭނީ ނިމިފައި. އެކަމަކު ނިމުނީ %27. ފުރަތަމަ ކަމަކަށްވީ ޙާލަތު ދެނެގަތުން. ދެން މަސައްކަތް ލަސްވާން ދިމާވާ ސަބަބު ދެނެގަނެ، އެކަންކަން ޙައްލުކޮށް އަވަސްކުރަން." ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، ޕްރޮޖެކްޓްގައި ހުރި މައްސަލަތައް ދެނެގަނެ، މަސައްކަތް ނިންމުމުގެ އައު މަގުޗާޓެއް އެކުލަވާލާނެކަމަށެވެ. އަދި މިގޮތަށް ހުރި ބޮޑެތި މަޝްރޫޢުތައް އަވަސްކުރުމަށް، ކޮންޓްރެކްޓަރުންނާއެކު މިހާރުވެސް މަޝްވަރާތައް ކުރިއަށްގެންދަވަން ފަށްޓަވާއިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.