ޚަބަރު

މި ސަރުކާރުން ކައުންސިލްތައް ހަޤީޤީ މާނައިގައި ބާރުވެރިކޮށްދޭނެކަމުގެ ޔަޤީންކަން އެބައޮތް: ޝުޖާއު


  • މި ކަމަށް ޚާއްސަކޮށް ވުޒާރާއެއް އުފެއްދެވީވެސް މި ބޭނުމުގައި

  • ކައުންސިލްތަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން

  • މި 14 ހަފްތާގެ ތެރޭގައި ދިވެހިންގެ ރާއްޖެއަކަށް ދެވުނުކަމުގެ އިހުސާސް ކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އޭގެ ހަޤީޤީ މާނައިގައި ތަންފީޒުކޮށް ކައުންސިލްތައް ބާރުވެރިކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ޕީ.އެން.ސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިގޮތަށް ޝުޖާއު ވިދާޅުވީ އައު ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ މުހިންމު ކަންކަމުގެ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމްއިން ގެނެސްދޭ "ހަފްތާ 14" ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާ ކައުންސިލަރުކަންވެސް ކުރައްވާ އިބްރާހީމް ޝުޖާއު ވިދާޅުވީ، ކައުންސިލްތަކަކީ ޤާނޫނާއި ޤަވާޢިދުގެ ދަށުން ބޮޑެތި މޭންޑޭޓްތަކެއް މަތިކުރެވިފައިވާ ބައެއްކަމަށެވެ. އެހެންނަމަވެސް މިއަދާޖެހެންދެންވެސް ކައުންސިލްތައް އޭގެ އެންމެ ފުރިހަމަގޮތުގައި ހިނގައިގަނެ، ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމުގެ އެންމެ ބޮޑު މިސާލެއްގެ ގޮތުގައި ޝުޖާއު ފާހަގަކުރެއްވީ ރައީސް ޑރ. މުޢިއްޒު މޭޔަރުކަމުގައި ހުންނެވިއިރު، ކައުންސިލުން އަމިއްލަ އިސްނެގުމުގައި ކުރަން ބޭނުންވި ކަންކަމަށް ކުރީގެ ސަރުކާރުން ހުރަސްއެޅި އެޅުމެވެ. އެގޮތުން މާލޭގެ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ވެހިކަލް ޕާކު ކުރުމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޢިއްޒު މޭޔަރުކަމުގައި ހުންނެވިއިރު މަސައްކަތްކުރެއްވިނަމަވެސް އެކަމަށް ކުރީ ސަރުކާރުން ހުރަސްއެޅިކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މި ސަރުކާރު ވެގެންދާނީ ކައުންސިލްތަކަށް ހަޤީޤީ ބާރު ދެއްވާނެ ސަރުކާރަކަށް ކަމަށެވެ. އަދި ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތަކާ ބެހޭ ވުޒާރާއެއް އުފެއްދެވީވެސް މި މުހިންމު މަޤުޞަދުގައިކަން ޝުޖާއު ފާހަގަކުރެއްވިއެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ޙަޤީޤީ މާނާގައި ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރެވިގެންދާ ސަރުކާރަކަށް. ޚާއްސަ ވުޒާރާއެއް އުފެއްދެވީ ވެސް މި މަޤުޞަދުގައި. އެހެންވީމަ، މާލެއަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެ. ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ." ސުޖާޢު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަޤުރީރަށް އިޝާރާތްކުރައްވަމުން ޝުޖާއު ވިދާޅުވީ، އެމަނިކުފާނުގެ ފުރަތަމަ ތަޤުރީރުންވެސް ދިވެހީންގެރާއްޖެ ދިވެހީންނަށް ހޯއްދަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންގޮސްފައިވާކަމަށެވެ. އަދި އެއީ ޤައުމިއްޔަތުން ފުރިގެންވާ ތަޤުރީރެއްކަމަށާއި، އެމަނިކުފާނުގެ ތަޤުރީރުގައްޔާއި، ކެމްޕޭން ތެރެއިން ވެވަޑައިގެންނެވި ވަޢުދުތަކާއި، މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންކަން ފުރިހަމަކޮށްދެއްވާނެކަމާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ކޮށްދެއްވާނީ ދިވެހިން އެދޭފަދަ ވެރިކަމެއް ކަމަށާއި، ވެރިކަން ކޮށްދެއްވާނީ ދިވެހިންނަށްކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ދިވެހިރާއްޖެއަކީ ދިވެހިންގެ ރާއްޖެއެއްކަމުގެ ފުރިހަމަ އިޙްސާސާއި، ރައްޔިތުން ބޭނުންވާފަދަ ބަދަލުތަކެއް ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ގެނެސްދެއްވިއްޖެކަމުގެ އިޙްސާސް ރައްޔިތުންނަށް ކުރެވެން ފަށާނެކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.