ޚަބަރު

އެންމެ މޮޅަށް ސިޓީ ލިޔާ މީހާ ހޮވަން މުބާރާތެއް


  • މިއީ ސިޓީ ލިޔުމުގެ ފުރަތަމަ މުބާރާތް

  • ދިވެހި ކޮންމެ ރައްޔިތަކަށް ބައިވެރި ވެވޭނެ

  • މި މުބާރާތުގައި އޮފީސްތަކަށްވެސް ބައިވެރި ވެވޭނެ

  • ވަނަ ވަނައަށް ދާ ފަރާއްތަކަށް އިނާމާއި ހަދާނީ ފިލާ ދޭނެ

އެންމެ މޮޅަށް ސިޓީ ލިޔާ މީހެއް ހޮވުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިއީ ސިޓި ލިޔުމަށް ޚައްޞަކޮށްގެން ޞާއްވާ ފުރަތަމަ މުބާރާތެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާނީ ވަކިވަކި ފަރުދުންނަށާއި އޮފިސްތަކަށްކަމަށެވެ. އެގޮތުން އެމީހަކު ތަމްސީލުކުރާ އޮފީހެއްގެ ނަމާއެކު ރަޖިސްޓަރީވުމުގެ ފުރުޞަތު އޮންނާނެކަމަށާއި، މި މުބާރާތުގައި ވަނަވަނައަށް އަންނަ އޮފީސްތައް ހޮވާނީ، އެ އޮފީހަކުން ބައިވެރިކުރި ސިޓީތަކުގެ ތެރެއިން އެންމެ މޮޅު 5 ސިޓީގެ މާރކްސްއަށް ބަލައިފައިކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި 5 ސިޓީއަށްވުރެ މަދުން ހުށަހަޅާ އޮފީސްތައް، އޮފީސްތަކުގައި ބައިގައި ވާދަ ނުކުރެވޭކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މި މުބާރާތުގައި ވަނަ ވަނައަށް ދާ ފަރާތްތަކާއި އޮފީސްތަކަށް ފައިސާގެ އިނާމާއި ހަދާނީ ފިލާ ދިނުމަށް ޕީޖީ އޮފީހުން ވަނީ ނިންމަވާފައެވެ. އެގޮތުން 1 ވަނަ ސިޓީއަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި ތަށި، 2 ވަނަ ސިޓީއަށް 1500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން، 3 ވަނަ ސިޓީއަށް 1000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެއްވަނަ އޮފީހަށް ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި، 2 ވަނަ އޮފީސްއަކަށް ހަނދާނީ ލިޔުން، 3 ވަނަ އޮފީހަކަށް ހަނދާނީ ލިޔުން އަދި އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީހަކަށް ހަނދާނީ ލިޔުމާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތަށި ލިބޭނެކަމަށް ޕީޖީ އޮފީހުން ފާހަގަކުރައްވައެވެ.

ޕީޖީ އޮފީހުންން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ރައްޔިތަކަށް އެބައޮތްކަމަށެވެ. އެގޮތުން މުބާރާތުގައި ރަޖިސްޓަރީވުމަށްޓަކައި، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް online.pgo.mv ގައި އޮތް، ސިޓީ ލިޔުމުގެ މުބާރާތުގެ ޓެބަށް ފިތާލުމުން، ރަޖިސްޓަރީވެވޭނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތުގައި ރަޖިސްޓަރީވުމުގެ މުއްދަތު ހަމަވާއިރު ރަޖިސްޓަރީވެފައިވާ މީހުންނަށް، ސިޓީ ނޯޓެއް ފޮނުވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވެ. ޕީޖީ އޮފީހުން ވިދާޅުވީ އެ ފޮނުވާ ސިޓީ ނޯޓުގައި އޮތް ސިޓީ ލިޔެ، ފޮޓޯއެއް ނަގައި، މިޕޯޓަލަށް އަޕްލޯޑުކުރުމުން މުބާރާތަށް ސިޓީ ހުށަހެޅުނީކަމަށެވެ.