ކުޅިވަރު

ރ.ވާދޫގައި ފިޓްނެސް ސެންޓަރެއް ހުޅުވައިފި


މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން އިސްނަގައިގެން ވާދޫގައި އެޅި ފިޓްނަސް ސެންޓަރ އިއްޔެ ހުޅުވައިފިއެވެ. 

އިއްޔެ ހަވީރު ރ.ވާދޫގައި އޮތް ރަސްމިއްޔާތުގައި މި ފިޓްނަސް ސެންޓަރު ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޔޫތް މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވީ ވާދޫގައި މިއަހަރު ނިމުމުގެ ކުރިން ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމޭނެކަމަށާއި، ބަށިކޯޓެއްވެސް އެޅިގެންދާނެކަމަށެވެ. އަދި އެރަށުގެ ކުރީގެ ޕްރީ ސްކޫލް ހުރި އިމާރާތުގައި ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށް ރޯދަމަހުގެ ކުރިން ހުޅުވާނެކަމުގެ ޔަގީންކަން ރަށުގެ ޒުވާނުންނަށް ނާއިފް ޝައުކަތު ދެއްވިއެވެ.

"ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ފުޓްސަލް ދަނޑު މިއަހަރު މިރަށުގައި އެޅިގެންދާނެ، އަދި ރޯދަ މަހުގެ ކުރިން ވާދޫގެ ކުރީގެ ޕްރީ ސްކޫލް ހުރި އިމާރާތުގައި ޒުވާނުންގެ މަރުކަޒެއް ނިންމާލެވޭނެ" ނާއިފް ވިދާޅުވިއެވެ.

އިއްޔެ ވާދޫގައި ހުޅުވި ފިޓްނެސް ސެންޓަރަކީ އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީތަކާއިއެކު އަޅާފައިވާ ސެންޓަރެއްކަމަށް ވާދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ. އަދި މި ސެންޓަރުގައި ބޭނުންކުރާ ފިޓްނަސް އިކިއުޕްމަންޓާއި ތަން އިމާރާތްކުރުމުގެ އަށްޑިހަ ޕަސެންޓަކީ ހެޔޮއެދޭ ފަރާތްތަކުގެ ހިލޭ އެހީކަމަށާއި، ސަރުކާރުންވެސް މި ސެންޓަރު ނިންމުމުގައި ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެއިދާރާއިން ހާމަކުރެއެވެ.